ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ނިންމާލައިފިއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން 10،200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ނިންމާލައިފާވާ ކަމަށެވެ.

މީގެއިތުރުން 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 142 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ނިންމާލާފައިވާ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ނޮވެންބަރު 8، 2021ގަ އެއް އަހަރު ދުވަހަށް 42.38 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ.

ފާއިތުވި 42 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި ކަމަށްވީއިރު އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައިއެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.