ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސުން ބުނީ އެ ބީލަމުގައި ބައިވެރި ވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01-GC01--GC01-04, GC01-03, GC01-02 އަދި GC01-05 އަށް ޝަރުތު ހަމަވާ ފަރާތްތަކަށް މި ބީލަމަށް އެދި ހުށަހެޅޭނެ އެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 255,000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރު އަދަދެއްގެ ޔޫއެސްޑޮލަރުން ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސުން ބުނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އެ ފީ އަކީ ރީފަންޑް ނުކުރެވޭނެ ފީއެއް ކަމަށް އެ އިއުލާންގައި ބުނެއެވެ. ފައިސާ ބަލައި ގަންނާނީ އަންނަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ. ރޯދަ މަހު ފައިސާ ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށް ފަހު، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މި އީމެއިލަށް ފޮނުވުމަށް އެ އިއުލާންގައި ބުނެއެވެ.

މި މަސައްކަތާ ބެހޭ އެންމެހާ ލިޔެކިޔުންތައް އެ މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ފިނޭންސުން ބުނެއެވެ.

މި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ.

ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބީލަމަށް މި ހުޅުވަނީ އެރަށުގެ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓާ ގުޅިގެން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް އާންމުންނާއި އިދިކޮޅުން ކޮށްކޮށް އޮއްވައެވެ.