އަންނަ ހޮނިހިރު ދުވަހު ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ބޯމަތިވެފައި ވަނިކޮށް އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

އެމްޓީސީސީއިން ބުނީ ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ 21 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. މީގެއިތުރުން 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީއިން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެންބަރު 8، 2021ގަ އެއް އަހަރު ދުވަހަށް 44.9 މިލިއަން ރުފިޔާއަށެވެ.

އެ ރަށުގެ ބައި އިލްކްޝަންއާ ދިމާކޮށް އެ ރަށުގައި 50 ހައުސިން ޔުނިޓް އަަޅާނެ ބަޔަކު ހޯދަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ވަނީ ހުސްވެފައެވެ. އަދި އެ މަގާމަށް ޕީޕީއެމް އަދި އެމްޑީޕީގެ ޓިކެޓްގައި ދެ ކެނޑިޑޭޓަރު ވާދަކުރައްވައެވެ. އެ ދެ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ސަރުކާރާއި އިދިކޮޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.