ކުރިއަށް އޮތް 2023 ވަނަ އަހަރު، ޕީޕީއެމްގެ ވެރިކަން ގާއިމު ކުރެވިއްޖެ ނަމަ، އިންޑިއާ އާ އެކު އޮތް ހުރިހާ އެގްރީމެންޓެއް ބާތިލް ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަށް ޅ. ނައިފަރުގައި ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، އިންޑިއާއާއެކު ހަދާފައިވާ އެގްރީމެންޓް ތަކުގައި ސިއްރު ކިތަންމެ މާއްދާއެއް އެބަހުރި ކަމަށާއި، އެމާއްދާތައް ހުރި ގޮތުން، އުތުރު ތިލަފަޅަކީ، ދިވެހި ދައުލަތުގެ މިލްކަކަށް ވިޔަސް، ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށެވެ. އިތުރަށް އެކަން ތަފްސީލު ކޮށްދެއްވާ ޔާމީން، ފާހަގަ ކުރެއްވި ގޮތުގައި ޔޫޓީއެފް ތަރައްގީ ކުރުމާއި އޮޕަރޭޓް ކުރުންވެސް އޮތީ އިންޑިއާއަށް ކަމަށާއި، އެތަނަށް ފުރާ، ލަފާ އަސްކަރީ އުނޅަދުތައް ފުރާ، ލަފަން ދިވެހި ސަރުކާރުގެ ހުއްދައެއްވެސް ހޯދަން ނުޖެހޭ ކަމަށެވެ.

"ޢެގްރީމެންޓުގައި ފޮރުވިފައި އެެއްޗެހި އެބަހުރި، އެކަން އެނގޭ ބައެއް ބޭފުޅުން އެބަ ތިއްބެވި، އަޅުގަނޑުވެސް މީ އެކަކު އެކަން އެނގޭ، މީ ދޮގެއް ކަމަށް ވަންޏާ، ﷲ ގަންދީ ހުވާ ކޮށްގެން ތިބި ސިފައިންގެ ޖެނެރަލުން ނުކުމެ އޭގައި އޮތް އެއްޗެއް ކިޔައިދީ"
ރައީސް ޔާމީން

މީގެ ކުރިން ބެއްވި ޖަލްސާއެއްގައި ޔޫޓީއެފް އާ ގުޅޭ ގޮތުން ޔާމީން ދެއްކެވި ވާހަކަ ދޮގު ކޮށް ޑިފެންސުން ބަޔާނެއް ނެރުމުން، ޑިފެންސަށް ގޮންޖައްސަވައި ޔާމީން ވިދާޅުވީ، ޔޫޓީއެފް އެގްރީމެންޓު ބުނާ ގޮތުން، އެއީ ސީދާ އިންޑިއާގެ ބާރު ހިނގާ ތަނެއް ކަމަށާއި، އިންޑިއާއަށް ބޭނުން ނަމަ، ބޭނުން ހަތިޔާރެއްވެސް ގެނެވޭނެ ގޮތަށް އޮތް އެގްރީމެންޓެއް ކަމަށެވެ.

"އޭގައި އޮތީ އާމްސް އޭ، ބުނެފައެއް ނެތް ބާވަތެއް، އެހެން ވީމައި ކޮންމެ ވައްތަރެއްގެ ހަތިޔާރެއްވެސް ގެނެވޭނެ. އެންމެ ކުޑަމިނުން ނެތް އެނެކްސް އެއްވެސް، ނުވަތަ ޖަދުވަލެއްވެސް އެކަން ތަފްސީލު ކުރަން، މީ ދޮގެއް ވިއްޔާ ނެރެ ދައްކާލަން ވީނުން"
ރައީސް ޔާމީން

ޔާމީން އިތުރަށް ވިދާޅުވީ، ޔޫޓީއެފްގެ އިތުރުން، ކަނޑުތަކުގެ ސްކޭން ހަދަން ހަދާފައިވާ ހައިޑްރޮގްރަފީ އެގްރީމެންޓަކީވެސް ބޭނުން އެއްޗެއް ނޫން ކަމަށާއި، އިންޑިއާ އާ އެކު ހަދާފައިވާ ހުރިހާ އެގްރީމެންޓެއް ޕީޕީއެމްގެ ވެރިކަމެއްގައި ބާތިލް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ޔާމީން ވަނީ ރާއްޖެގައި އިންޑިއާ ސިފައިން ތިބީ ހަތިޔާރާއެކު ކަމަށް ވިދާޅުވާ ވާހަކަވެސް ތަކުރާރު ކުރައްވާފައެވެ. އަދި އެ މައްސަލައިގައި ޑިފެންސު މިނިސްޓަރު މާރިއާ އަހުމަދު ދީދީ ދައްކަވާ ވާހަކަ ދޮގު ކުރައްވާ، ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖޭގެ އެތައް ރަށެއްގައި އެބަ ތިބި ކަމަށާއި، އެމީހުން ތިބީ ހަތިޔާރާއެކު ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމުގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތަކީ، ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ހަރަކާތެކެވެ.