ސިނަމާލެ ބްރިޖާ ދިމާލު ވެލިގަނޑަށް މިރޭވެސް ވެލާ އަރައިފިއެވެ.

މި ވެލާ އަރާފައި ވަނީ މާލޭގެ އިރު ދެކުނު ފަރާތުން، ސިނަމާލެ ބްރިޖް ފެށޭ ކޮޅުގެ ދެކުނު ފަރާތުން ހެދިފައިވާ ވެލިގަނޑުގެ މައްޗަށެވެ. އެތަށް އަހަރެއް ފަހުން މިދިޔަ މަހުގެ ފަހުކޮޅުވެސް ހަމަ އެ ސަރަހައްދެއް ވެލައެއް ވަނީ އަރާފައެވެ. އެ ދުވަހު އެރި ވެލާގެ ވީޑިއޯ އަދި ފޮޓޯތައް ސޯސަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

މިރޭ ވެލާ އެރި ސަރަހައްދުގައި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނައިރު މީގެކުރިން އެރި ވެލާ ފުލުހުން ވަނީ މޫދަށް ބޭރުކޮށްލައިފައެވެ.

މީގެ ކުރިން މާލެއަށް ވެލައާއި ކަހަނބު އަރައި އުޅުނު ނަމަވެސް، މާލެ ވަށައި ބޮޑު ތޮށި ލުމާ ގުޅިގެން ވެލައާއި ކަހަނބު އެރުން ވަނީ ގާތް ގަނޑަކަށްހެން ހުއްޓިފައެވެ. މިއީ އެތައް އަހަރަކަށް ފަހު މާލެއަށް ވެލާ އެރި ދެވަނަ ފަހަރެވެ.

އާންމު ގޮތެއްގައި ވެލައެއް އެރުމަށް ފަހު، އެ ތަނުގައި 100 އެއްހާ ބިސް އަޅައެވެ. ނަމަވެސް، އޭގެ ތެރެއިން ސަލާމަތްވެ، ބޮޑުވަނީ ވަރަށް މަދު ވެލައެކެވެ. އާންމު ގޮތެއްގައި 30-20 އަހަރު ފަހުން އެ ވެލާ އަނެއްކާވެސް އެނބުރި އަންނަ ކަމަށް މުސްކުޅިން ބުނެއެވެ.