ކޮވިޑާ ގުޅިގެން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިހާރު ގައުމާ މުހާތަބު ކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމި އިރު ރާއްޖެ ވަނީ އެގޮތަށް އަމަލު ކުރި ދުނިޔޭގެ ފަސް ގައުމުތަކުގެ ތެރޭ ހިމެނޭ ކަމަށެވެ. މި ހާލަތު އުވާ ލެވިފައި މި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަށް ތަންފީޒު ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަލި ފެތުރެން ފެށިތާ ކުރީ ކޮޅު ރާއްޖޭގައި މި ބަލިން ރައްކާތެރި ކުރަން ފިޔަވަޅުތައް އެޅުމާ އެކު ކޮވިޑް ކޮންޓްރޯލް ކުރެވޭ ގައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމާ އެކު ރާއްޖޭގައި އިގްތިސޯދީ އަދި އިޖްތިމާއީ ހަރަކާތްތަކަށް އަވަހަށް ފެށުމަށް މަގުފަހިވެގެން ދިޔަ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އަދިވެސް ކޮވިޑަކީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ދެކެމުން އަންނަ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި ބަލީގައި ނުރައްކާ ބޮޑުވާ މީހުން ރައްކާތެރި ކުރުމަށާއި، އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް މަރުވާ މީހުން މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވުނު ކަމަށެވެ. މި މަސައްކަތާ އެކު މިހާރު ބަލި ފެތުރުން ކޮންޓްރޯލް ކުރެވުމުން ކޮވިޑްއާ ގުޅިގެން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސިއްހީ މާހިރުންގެ ލަފާގެ މަތިން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކުރި މަގުގައި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އަމަލު ކުރާނެ ނެޝަނަލް ސްޓްރެޓަޖީއާއި އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 12 ގައެވެ. އޭގެ ފަހުން ކޮންމެ މަހަކުވެސް އެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.