ޓެކްސީ ޑްރައިވަރުން ކުރަމުން ދިޔަ އިހްތިޖާޖު ހުއްޓާލުމަށް ފަހު، ސެންޓަރުތަކުން މަޝްވަރާ ކުރި އަގުތަކުގައި ހިދުމަތް ދޭން ނިކުމެއްޖެއެވެ.

ތެލުގެ އަގަށް އައި ބަދަލުތަކާ ހެދި ޑްރައިވަރުންނަށް ގެއްލުންވާނެ ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރަށް ބައެއް ހުށަހެޅުންތައް ހުށަހަޅައި އެ ހުށަހެޅުންތައް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ސިޓީއެއް ފޮނުވާފައެވެ. 16 ޓެކްސީ ސެންޓަރުގެ ވެރިންގެ ސޮޔާއެކު ފޮނުވި އެ ސިޓީގައި ސެންޓަރުތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ:

  • ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ވަގުތީ ގޮތުން މުރާޖައާކުރުން
  • ޓެކްސީތަކުގައި މީޓަރު ބޯޑު ހަރުކުރުމަށް ހަމަޖައްސައި ކަނޑައެޅުން
  • ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް އެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިސްޓަރާ އެކު ބައްދަލުވުމެއް ބޭއްވުން
  • މިނިސްޓްރީއަށް އެ ސިޓީ ލިބޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭ ބައްދަލުވުން ބާއްވާނެ ތާރީހެއް އެންގުން، ނޫނީ މިނިސްޓްރީއަށް ގޮސް ބައްދަލުކުރުން

ނަމަވެސް މިނިސްޓްރީން އެދެވޭ ޖަވާބެއް ނުލިބުމުން، ޑްރައިވަރުން ވަނީ އިއްޔެ މެންދުރުފަހު 1 އިން ފެށިގެން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިހްތިޖާޖު ކޮށްފައެވެ. އެ އިހްތިޖާޖު ރޭގަނޑާ ހަމައަށް ދިގުލައިގެން ދިޔައިރު، ޓެކްސީ ޑްރައިވަރުން އެ މީހުންގެ ޝުއޫރުތަކާއި ޝަކުވާތައް ބަންޑުންކޮށްލާފައި ވެއެވެ. އެގޮތުން، ޑްރައިވަރުންނަށް ލޯނު ލިބުމުގައި ހުރި ދަތިތަކާއި، ކަޅު ބިއްލޫރި ޖަހައިގެން ޕްރައިވެޓް ކާރުތަކުން ޓެކްސީ ކުރަމުންދާ ކަން ފާހަގަ ކޮށްފައި ވެއެވެ.

ރުއްގަނޑުގައި އަޑު އުފުލުމަށްފަހު، ޑްރައިވަރުން ވަނީ ރޭ ސިނަމާލެ ބްރިޖް ކައިރިއަށް އެއްވެ، އެ ސަރަހައްދުގައި އަޑު އުފުލާފައެވެ. ނަމަވެސް ފުލުހުން ޑްރައިވަރުން ހުއްޓުވުމުން، ޑްރައިވަރުން ވަނީ ޓެކްސީތަކުން ފައިބާފައެވެ. އެއާއެކު މުޅި ސަރަހައްދު ބްލޮކްވެ، ހުޅުމާލޭގެ މަގުތަކަށް ބާރު ބޮޑުވެގެން ދިޔައެވެ.

މީޑިއާތަކަށް އިއްޔެ ދިން މައުލޫމާތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ހައްލު ހޯދައި، ސްޓޭކްހޯލްޑަރުންގެ މަޝްވަރާ އާ އެކު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން އަދިވެސް އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައެއް ނުވެއެވެ

ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކާރުތަކުގެ މެއިންޓަނެންސާއެކު، ޖުމްލަ ހަރަދަށް ނަގާފައި ބާކީވާ ބައި މަދުވުމެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ޓެކްސީތަކުގެ އިތުރުން އާންމުންނަށްވެސް ހަރަދު ބޮޑުވެގެން ދެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މިނިސްޓްރީން ޓެކްސީ ދަތުރު ކުރުމުގައި ނެގޭނެ އެންމެ ބޮޑު ފީ ކަނޑާއަލާފައިވާ އިރު އެ ފީއަށް ވުރެ މަތިން އަގު ނަގާނަމަ އެ ބަޔަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެއެވެ.

ޓެކްސީ ތަކުން އަގުބޮޑު ކުރަން ޑިމާންޑް ކުރާއިރު މިހާރުވެސް ބައެއް ޓެކްސީތަކުން ދަތުރު ކުރަނީ ހިތުހުރި އަގަކަށްކަން ފާހަގަ ކުރެވެއެވެ.