ހެލެން މެކްލޯފްލިން ބުނި ގޮތުގައި ރިހުން އަރައިގެން އަންނަލެއް ގަދަ ކަމުން، ބަނޑުގައި އަޅާ ހޫނުފެން ފުޅިން ގައި ފިހޭ ފަހަރުވެސް އާދެއެވެ. އޭނާ ބުނާ ގޮތުގައި ފިހިގެން އެވާ ތަދަކީ، އޭނާ ތަހައްމަލު ކުރަމުން ދާ ވޭނަށް ވުރެ ކުޑަ ތަދަކެވެ.

ޑޮކްޓަރަށް ދައްކައިގެން ހަދާ ސްކޭންތަކުން އެއްވެސް މައްސަލައެއް ނުފެނެއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާ، ހުރިހާ ކަމަކީވެސް "އޭނާގެ ބޮލުގައި އޮތް ކަމެއް" ކަމަށް ވިސްނައި ދޭ ދަރަޖައަށް ޑޮކްޓަރުންގެ ވާހަކަތައް ދިޔައެވެ.

އެންޑޯމިޓްރިއޯސިސް ރަމްޒުކޮށްދިނުމަށް ބޭނުން ކުރާ ތަސްވީރެއް / ފޮޓޯ: ފާޓިލިޓީ ފެމިލީ

މިއީ މިރާއްޖޭގެވެސް އެތައް އަންހެނުންނަކަށް އިހްސާސް ކުރެވެމުންދާނެ ތަދެއްގެ ވާހަކައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންޑޯމިޓްރިއޯސިސްގެ ވޭން އުފުލަމުންދާ އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. ކޮންމެ 10 އަންހެނަކުން 1 އެވެ. މިއީ "މާ މުހިންމު ކަމެއް ނޫނޭ" ބުނެ، ވާހަކަ އޮއްބާލައިގެން ތިބެވޭނެހާ މަދު އަދަދެއް ނޫންތާއެވެ.

ނަމަވެސް، އެންޑޯމެޓްރޯސިސްއާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ދިރާސާތަކެއް ހެދިފައެއް ނެތެވެ. ބަލި ޑައެގްނޯސް ކުރުމަށް، ނުވަތަ ދެނެގަތުމަށް އެތައް އަހަރެއް ހޭދަ ކުރަން ޖެހެއެވެ. ސިއްހީ ދާއިރާގެ އާ ހޯދުންތަކަކީ ފިރިހެނުންގެ ނުފޫޒާއި ބާރު އިންތިހާއަށް އޮތް ތާރީހެއް އޮތް ދާއިރާއެއް ކަމުން، އަންހެނުންގެ ބައްޔެއް އޮއްބާލެވިފައި އޮތީ ކަމުގައިވެސް ބައެއް މީހުންނަށް ބުނެވިދާނެއެވެ.

މެކްލޯފްލިންގެ ހަށިގަނޑުން އެންޑޯމިޓްރިއޯސިސްގެ އަލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފެށީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. އެއީ އާންމު ގޮތެއްގައި ރަހިމުގެ އެތެރޭގައި އުފެދޭ ޓިޝޫ، ބޭރުގައި އުފެދޭ ގޮތްވުމެވެ.

ކޮންމެ ދެ ހަފުތާއަކުން އެއް ހަފުތާއަކު، "މައްސަރު ކަންތަކާ" ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ، މެކްލޯފްލިން، އޭނާގެ ޑޮކްޓަރަށް ހުށަހެޅިއެވެ. ޑޮކްޓަރު ލިޔެދިނީ ބޭހެކެވެ.

އެންޑޯމިޓްރިއޯސިސް ރަމްޒުކޮށްދިނުމަށް ބޭނުން ކުރާ ތަސްވީރެއް / ފޮޓޯ: ދަ ގާޑިއަން

މެކްލޯފްލިންގެ އުމުރުން 25 އަހަރު ފުރުނުއިރު، "މައްސަރު ކަންތަކަށް" ފަހު އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔައީ ގަދަ ވޭނެކެވެ. ބަނޑުގެ އެތެރެއިން އެއްޗެއް، އެތެރެއަށް ދަމައިގަންނަ ފަދަ، ބާރުގަދަ، ވޭން ހުރި ކަމެކެވެ. އޭގެ އަހަރެއް ފަހުން އެ ތަދު، އޭނާގެ ފަޔަށްވެސް ފެތުރުނެވެ. ދުވާލަކު 24 ގަޑިއިރު، ހަފުތާއަކު ކޮންމެ ދުވަހަކު އެ ވޭނުގައި އުޅެން މަޖުބޫރުވިއެވެ. ތަދު ކެނޑުވުމަށް ދުވާލަކު 25 ގުޅަ ބޭސް ކެއެވެ.

ހާލަތަށް ބަދަލެއް އައީ، އެފަދަ ކަމެއް ތަޖުރިބާ ކުރާ މީހެއްގެ ވާހަކަ، އެކުވެރިއަކު ބުނި ހިސާބުންނެވެ. އެމީހަކީ އެންޑޯމެޓްރޯސިސް ޕޭޝަންޓެއް ކަން އެނގުނު ހިސާބުންނެވެ.

ހޮސްޕިޓަލަށް ގޮސް، ކަމާ ބެހޭ ފަރާތްތަކުގެ ގާތުގައި މެކްލޯފްލިންވެސް އެންޑޯމިޓްރިއޯސިސްގެ ވާހަކަ ހިއްސާ ކުރިއެވެ. ނަމަވެސް އެމީހުން މާ ބޮޑު ސަމާލުކަމެއް ނުދީ، ތަދު ކަނޑުވާ ބޭސްތަކެއް ލިޔެދިނެވެ.

މެކްލޯފްލިން ދުލެއް ނުދިނެވެ. 3 ސޮފުހާގެ ސިޓީއެއް، އޮޕަރޭޝަން ޑޮކްޓަރަށް ފޮނުވިއެވެ. ބަލި ދެނެގަތުމަށް ކުރަންޖެހޭ ކަންކަން ކުރަން، އާދޭސް ކުރިއެވެ. މެކްލޯފްލިން އަކީވެސް އެންޑޯމެޓްރޯސިސް ޕޭޝަންޓެއްކަން އެނގުނީ އެހާ ހިސާބުންނެވެ.

މެކްލޯފްލިންގެ އުމުރުން މިހާރު 35 އަހަރު ފުރިއްޖެއެވެ. އަންހެނުންގެ ދުވަހުގެ ނަމުގައި ފިޔާތޮށި ކުލައި ބަބުޅާ ޖަރީކުރާ މާމެލިން އޭނާއަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. ޝަކުވާއަކީ، އަންހެނުން ތަހައްމަލު ކުރާ އެތައް ވޭނަކަށް މި ދުނިޔެ ބީރު ކަންފަތެއް ދީގެން އޮތުމެވެ.