ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައި ވާ ކަން، މެލޭޝިއާގެ ބޮޑުވަޒީރު އިސްމާއީލް ސޮބްރީ އިއުލާން ކުރައްވައިފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްމާއީލް ސޮބްރީ ވިދާޅުވީ އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން، މެލޭޝިއާގެ ރައްޔިތުންނަށް އެ ގައުމުން ބޭރަށް ދަތުރު ކުރެވޭނެ ކަމަށާ، ގައުމުން ބޭރުގައި ތިބި އެ ގައުމުގެ ރައްޔިތުންނާއި ބިދޭސީންގެ ތެރެއިން އެ ގައުމަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް، ކަމާ ގުޅުން ހުރި ލިޔެކިއުންތަކާއެކު، މައިޓްރެވެލްޕާސް ޕާމިޓަށް އެދި ހުށަހެޅުމަކާ ނުލާ، މެލޭޝިއާއަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައި ވާ ފަރާތްތަކުން މެލޭޝިއާއަށް އެތެރެވުމަށްފަހު ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ނަމަވެސް މެލޭޝިއާއަށް ދަތުރު ކުރުމުގެ 2 ދުވަސް ކުރިން ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށާ، މެލޭޝިއާއަށް އެތެރެ ވުމަށް ފަހު 24 ގަޑިއިރުވުމުން ރެޕިޑް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެ، އާންމު ހާލަތަކަށް ރުޖޫއަ ވުމަށް މަސައްކަތް ކުރަމުން ދާ މި ދަނޑީވަޅުގައި މެލޭޝިއާގައި އިތުރު ލުއިތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ވިޔަފާރި ވަގުތުތަކުގައި ކާފިއު އުވާލުމާ، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން 24 ގަޑިއިރު އޮޕަރޭޓް ކުރުމުގެ އިތުރުން، ވެކްސިންގެ ހާލަތަށް ބެލުމެއް ނެތި އެތެރޭގެ ދަތުރުފަތުރު ކުރިއަށް ގެންދިއުން ފަދަ ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.

މެލޭޝިއާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިޔަ އެއް ގައުމެވެ. ހަރުކަށި ފިޔަވަޅުތަކާ އެކުގައިވެސް މެލޭޝިއާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވި މަންޒަރު ވަނީ ފެނިފައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދޭނެކަން މެލޭޝިއާގެ ބޮޑުވަޒީރު ހާމަ ކުރައްވާފައި ވީ ނަމަވެސް، ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުން ކޮވިޑް ފެންނަ ނިސްބަތް އިތުރު ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ފާއިތުވީ 7 ދުވަހުގެ ތެރޭގައި މެލޭޝިއާއިން 206727 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައި ވާއިރު، މިއީ އޭގެ ކުރީ 7 ދުވަހާ އަޅާ ބަލާއިރު 5 ޕަސެންޓް އިތުރު އަދަދެއް ކަން ފާހަގަ ކުރަން ޖެހެއެވެ.