ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމުން ސިކުނޑިއަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް، ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އެގޮތުން ކޮވިޑް ޖެހުމުގެ ކުރިންނާއި ފަހުން ހަދާފައިވާ މެގްނެޓިކް ރެޒޮނަންސް އިމޭޖިންގް (އެމްއާރްއައި) ސްކޭންތަކުގައި ތަފާތުތަކެއް ހުރި ކަން، ސައެންސްވެރިން ވަނީ ދެނެގަނެފައެވެ.
ކޮވިޑްގެ ރޯގާ އާދައިގެ ގޮތަކަށް ޖެހުމަށް ފަހުގައިވެސް ސިކުނޑީގެ ސައިޒް ކުޑަވެފައި ވާ ކަމަށާ، ވަސްދުވުމާއި ހަނދާނާ ބެހޭ ބަޔަށް އަސަރު ކުރާ ކަން ވަނީ ހާމަވެފައެވެ. މިއީ ދާއިމީ ބަދަލެއް ކަން ދެނެގަނެވިފައި ނުވި ނަމަވެސް، ސިކުނޑިއަކީ ފަސޭހަވުމުގެ ބާރު ލިބިފައިވާ ގުނަ ވަނެއް ކަން ސައެންސްވެރިން ފާހަގަ ކުރެއެވެ.
ދިރާސާގެ އިސް މުސައްނިފް، އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސާ ގްވެނެއޭލް ޑޫއޯ ވިދާޅުވީ، ކޮވިޑްގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރި ދިރާސާގެ ނަތީޖާ ވަރަށް ވެސް ހައިރާން ކުރުވަނިވި ކަމަށެވެ.
ދިރާސާގެ ބައެއް ހޯދުންތަކަށް ބަލާއިރު ކޮވިޑް ޖެހުނު ދިރާސާ ބައިވެރިންގެ ސިކުނޑީގެ ސައިޒް ވަނީ 0.2 އާއި 2 ޕަސެންޓާ ދެމެދު މިންވަރަކަށް ކުޑަވެފައެވެ. ކޮވިޑް ޖެހި، ރަނގަޅުވާތާ ކުރީކޮޅު ސިކުނޑީގެ ބާރު ބޭނުންކޮށްގެން އެންމެ ފުރިހަމައަށް މަސައްކަތްތައް ކުރުމުގައި އުނދަގޫތަކެއް ހުރިކަންވެސް ވަނީ ދެނެގަނެވިފައެވެ.
ސިކުނޑިއަކީ އޭގެ އަމިއްލަ ޒާތުގައި ފަސޭހަވުމުގެ ބާރު ލިބިފައިވާ ގުނަވަނެއް ކަމުން، ކޮވިޑްގައި ލިބުނު އަނިޔާއިން ސަލާމަތް ވެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޕްރޮފެސާ ޑޫއޯ ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެކަމަށް ވަގުތު ނަގާނެކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް ޖެހުމަށްފަހު ވަސްދުވުމާއި ހަނދާނާ ގުޅޭ ސިކުނޑީގެ ބަޔަށް އުނިކަމެއް އަންނަ ކަމަށް ދިރާސާގެ ހޯދުންތަކުން ދައްކާ އިރު، ކޮވިޑް-19ގެ ހުރިހާ ވޭރިއަންޓަކުން މިކަން ކުރިމަތިވާ ކަން ނުވަތަ ނޫންކަމެއްވެސް އަދި ނުހޯދެއެވެ.
މި ދިރާސާއަށް މައުލޫމާތު އެއް ކޮށްފައި ވަނީ ކޮވިޑް-19 ގެ އެންމެ ފުރަތަމަ ފެތުރިގެން ދިޔަ ވޭރިއަންޓާއި އަލްފާ ވޭރިއަންޓް ފެތުރިގެން ދުވަސްވަރުއެވެ. އޭރު ބަލި ޖެހުނު ގިނަ ބަޔަކު ވަނީ ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ ޝަކުވާތައް ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ބިންދާލި އޮމިކްރޯން ވޭރިއަންޓްގެ ރާޅުގައި އެ ޝަކުވާ މަދުކަން ފާހަގަ ކުރަން ޖެހެއެވެ.