ކޮރާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ 4000 ވޭރިއަންޓް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަމުގެ އިންޒާރު، އިނގިރޭސިވިލާތުން ދީފިއެވެ.

ކަން މިހެން އޮތްއިރު، އިނގިރޭސިވިލާތުން ދަނީ، ކޮވިޑް-19 އިން ދިފާއުވުމަށް އަސްޓްރާޒެނީކާއާއި ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ ޑޯޒްތައް އެއްކޮށްގެން ނެރެވިދާނެ ނަތީޖާތައް ދިރާސާ ކުރަމުން ކަން ފާހަގަ ކުރަންޖެހެއެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އުޅޭ ކަމަށް އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ރިޕޯޓް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން، ދެކުނު އެފްރިކާއާއި ބްރެޒީލްއިންވެސް އާ ވޭރިއަންޓްތަކެއް ވަނީ ފެނިފައެވެ.

ވައިރަހަށް ބަދަލުތަކެއް އައިސް، މިހާރު ދައުރުވަމުންދާ ވޭރިއަންޓްތަކަކީ، ހަލުވި ދުވެލީގައި އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ފޯރާ ވޭރިއަންޓްތަކެކެވެ.

އިނގިރޭސިވިލާތުގެ ވެކްސިންތަކާ ބެހޭ ވަޒީރު ނަދީމް ޒަހާވީ ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކަކީ އާ ވޭރިއަންޓާ ދެކޮޅާ ދިފާއު ލިއްބައި ނުދޭނެ ވެކްސިންތަކެއް ކަމަށް އަދި ކަނޑައެޅެން ނެތް ކަމަށެވެ.

ފައިޒާއާއި ބައޮއެންޓެކް، މޮޑާނާ އަދި އޮކްސްފޯޑާއި އަސްޓްރާޒެނީކާއިން ދަނީ، އާ ވޭރިއަންޓްތަކާ ދެކޮޅާށްވެސް އެ ކުންފުނިތަކުގެ ވެކްސިންތައް މަސައްކަތް ކުރާނެ ކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަން ބަލަމުން ކަމަށް ޒަހާވީ ވިދާޅުވިއެވެ.

ކޮވިޑް-19 ޖައްސާ ތަފާތު އެތައް ހާސް ވޭރިއަންޓެއް އުޅުނު ކަމުގައި ވީ ނަމަވެސް، ވައިރަސް ފެތުރިގެންދާ ގޮތް ބަދަލު ކުރުމުގެ ބާރު ލިބިފައިވާނީ މީގެ ތެރެއިން މަދު ވޭރިއަންޓްތަކަކަށް ކަމަށް ބްރިޓިޝް މެޑިކަލް ޖާނަލްއިން ވަކާލާތު ކުރެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށްވެސް ކޮވިޑް-19ގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅަކަށް ވާއިރު، މިދުވަސްވަރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓް ހިއްސާ ކުރަނީ އާ ވޭރިއަންޓް ކަން، ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.