އަވަށްޓެރި އިންޑިއާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް، ކުޑަކުދިންނަށް ހަމަލާ ދޭ މިންވަރު އިތުރު ކަމަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމުގައި ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ސިންގަޕޫރުން އިންޒާރު ކޮށްފިއެވެ.
އިންޑިއާ ވޭރިއަންޓްގެ ގޮތުގައި ރިއާޔަތް ކުރަމުން އަންނަ (B.1.617) ވޭރިއަންޓްއަކީ އިންތިހާ ހަލުވި މިނުގައި ފެތުރިގެންދާ ވޭރިއަންޓަކަށް ވާއިރު، މި ވޭރިއަންޓް ކުޑަކުދިންނަށް ހަމަލާ މިންވަރު އިތުރު ވުމުގެ ސަބަބުން، ސިންގަޕޫރުން ވަނީ ސްކޫލްތަކަށް ހާޒިރު ކޮށްގެން ކިޔަވާ ދިނުން މެދުކަނޑާލާފައެވެ.
މީގެ އިތުރުން، އެ ގައުމުގެ ސަރުކާރުން ދަނީ، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށްވެސް ކޮވިޑް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ ބަލަމުން ކަމަށް ހަބަރު ލިބެއެވެ.
އިންޑިއާ ވޭރިއަންޓާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދިވެސް ލިބޭ ގޮތެއް ނުވެއެވެ. އިންޑިއާ ވޭރިއަންޓަކީ ތަފާތު ދެ ގޮތަކަށް ބަދަލުވެފައިވާ ޑަބަލް މިއުޓަންޓް ވޭރިއަންޓެއް ކަމަށް ބުނާއިރު، 3 ގޮތަކަށް ބަދަލުވެފައިވާ ވޭރިއަންޓެއްވެސް އިންޑިއާއިން ފެނުނު ކަމަށް ދާދި ފަހުން ހަބަރުތަކުގައި ފެތުރުނެވެ. އިންޑިއާ ސަރުކާރަކީ، ވޭރިއަންޓްތަކާ ކޭސްތަކާ ގުޅުމެއް އޮތް ކަމަށް ބުނުމަށް ފަސްޖެހޭ ސަރުކާރެކެވެ.
ދާދި ފަހުން އިންޑިއާއަށް ކުރިމަތިލާންޖެހުނު ކޮވިޑްގެ ތޫފާނީ ރާޅަކީ، އާ ވޭރިއަންޓްގެ ސަބަބުން ކުރިމަތިލާންޖެހުނު ކަމެއް ކަމަށް އިއުތިރާފް ވުމަށްވެސް އިންޑިއާގެ ސަރުކާރުން ދިޔައީ ފަސްޖެހެމުންނެވެ.
އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނަކީ، އެ ގައުމުގައި އުފެދިފައިވާ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓްއަކަށް ވެފާ، އެ ވޭރިއަންޓްއަކީ، ވެކްސިނުން ލިއްބައިދޭ އައްޑަނަ ފޫ އަޅުވަނިވި ވޭރިއަންޓަކަށްވުން ކަމުގައި ވެދާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައެންޓިސްޓް ސްމޯޔާ ސްވާމިނޭތަންވެސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާއަށް ނިސްބަތްވެވަޑައިގަންނަވާ ކުޑަކުދިންގެ ޑޮކްޓަރު އަދި ކްލިނިކަލް ސައެންޓިސްޓް، ސްވާމިނޭތަން ވިދާޅުވީ އިންޑިއާ ވޭރިއަންޓް ނުވަތަ B.1.617 އަކީ، މިހާރު އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ކާރިސާގެ އަސްލެއް ކަން ސާފު ވާ ކަމަށެވެ. އަދި މި ކާރިސާ އިތުރަށް ހައްސާސް ކުރަނިވި އިތުރު އެތައް ކަންތައްތަކެއް އެބަހުރި ކަންވެސް ސްވާމިނޭތަން ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިއާ ވޭރިއަންޓް ނުވަތަ B.1.617 އަކީ، މުޅި ދުނިޔެ ކަންބޮޑުވާން ޖެހޭ ދަރަޖައިގެ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.