މީގެ 20000 އެއްހާ އަހަރު ދުވަސް ކުރިން، އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކޮރޯނާވައިރަހުގެ ބަލިމަޑުކަމެއް ފެތުރިފައިވުން އެކަށީގެންވާ ކަމަށް، އާ ދިރާސާއެއް ބުނެފިއެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި އެ ދުވަސްވަރު، އިރުމަތީ އޭޝިއާގައި ފެތުރިގެންދިޔަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ބާރު ގަދަ ކަމުން، އެ ސަރަހައްދަށް ނިސްބަތްވާ މީހުންގެ ތެރެއިން، މިހާރު ދުނިޔޭގައި ތިބި މީހުންގެ ޑީއެންއޭގައި އެކަމުގެ އަސަރު އަދުވެސް އެބަ ހުއްޓެވެ.

ގަދީމީ ޒަމާނުގައި ފެތުރިގެން ދިޔަ ކަމަށް ބުނާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން، އިރުމަތީ އޭޝިއާ ސަރަހައްދުގައި އެތައް އަހަރަކަށް ދިގުލާ ދިޔަ ކަމަށް ބުނެވެއެވެ. މި ހޯދުންތަކަކީ، ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހިފައިވާ މި ދަނޑިވަޅަށް އިންތިހާއަށް މުހިންމު ހޯދުންތަކެއްގެ ގޮތުގައި ސިފަކުރެވެއެވެ.

ކޮވިޑް-19 ޖައްސާ ސިވިއާ އެކިއިޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ކްލިނިކަލް އޮމިކްސް

ކަރަންޓް ބައޮލޮޖީ ޖާނަލްގައި އާންމު ކޮށްފައިވާ ދިރާސާގައި އިސްކޮށް މަސައްކަތް ކުރި ޔުނިވާސިޓީ އޮފް އެރިޒޯނާގެ ބައޮލޮޖިސްޓެއް ކަމަށްވާ ޑރ ޑޭވިޑް އެނާޑް ބުނާ ގޮތުގައި، މިއީ ކަންބޮޑުވުންވާ ޖެހޭ ވަރުގެ ކަމެކެވެ. އޭނާ ބުނާ ގޮތުގައި މިހާރު ހިނގަމުން މިދާ ކަންތައްތަކީ، އެތައް ޖީލުތަކަކަށްވެސް ދެމިގެން ހިނގައިދާނެ ކަންތައްތަކެކެވެ.

އަދާ ޖެހުނުއިރު، ކޮރޯނާވައިރަހުގެ ތާރީހުގެ މާ ދުރަށް ދެވިފައެއް ނުވެއެވެ. ފާއިތުވީ 20 އަހަރެއްހާ ދުވަހަށް ބަލާއިރު، ކޮރޯނާވައިރަހާ ގުޅިގެން 3 ފަހަރެއްގެ މަތިން ބަލިމަޑުކަން ފެތުރިގެން ދިޔައެވެ. އެއީ ކޮވިޑް-19ގެ އިތުރުން، ސާސް އަދި މާސް ރޯގާއެވެ. މި ބަލިތައް ދިރާސާކުރި ކުރުމުން، މިއީ ވާ ނުވަތަ އެނޫންވެސް މަންމަލި ޖަނަވާރުތަކަކުން އިންސާނުންނަށް ވާރުތަކުރި ބަލިތަކެއް ކަން ވަނީ ދެނެގަނެވިފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓީ: ޔޫނިއަން

ބަޔާންކުރެވިދިޔަ 3 ބަލިމަޑުކަމުގެ އިތުރުންވެސް، ކޮރޯނާވައިރަހުގެ އިތުރު އިންފެކްޝަންތައް އިންސާނުންނަށް ޖެހެއެވެ. ނަމަވެސް، އެ ބަލިތައް ސިފަކުރަނީ، އާންމު ރޯގާގެ ގޮތުގައެވެ. އާދައިގެ ކޮރޯނާވައިރަހުގެ ގޮތުގައި ބަލަމުން އަންނަ ބައެއް ބާވަތްތަކަށް ބަލާއިރު އެޗްކޮވް-އެންއެލް63 ނަން ދީފައިވާ ބާވަތަކީ، މީގެ 820 އަހަރު ކުރިއަށް ޓްރޭސް ކުރެވޭ ބާވަތެކެވެ.

ޑރ އެނާޑްގެ ޓީމުގެ ދިރާސާ އަމާޒު ކުރީ ކޮރޯނާވައިރަހުގެ ސީދާ ދިރާސާތަކަކަށް ނޫނެވެ. ނަމަވެސް އެ ވައިރަހުގެ ސަބަބުން އިންސާނުންގެ ޑީއެންއޭއަށް ވަމުންދާ ގޮތުގެ މައްޗަށެވެ. ބުނެވޭ ގޮތުގައި، ޖީލުތައް ކަޑަތު ވަމުން ދާ ދިއުމުގައި، ވައިރަސްތަކުގެ ސަބަބުން އިންސާނާގެ ޖީންސްއަށް ބަދަލު އާދެއެވެ. ވައިރަލް އިންފެކްޝަނަކުން ސަލާމަތް ކޮށްދެނިވި މިއުޓޭޝަންތަކެއް އުފެދި، ދަރިފަސްކޮޅަށް އެ މިއުޓޭޝަންތައް ފޯރުމުގެ ފުރުސަތު އޮވެއެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ވޫހާންގެ ސީފުޑް މާކެޓް ސަރަހައްދުގައި ޕީޕީއީގައި ބަޔަކު ހަރަކާތްތެރި ވަނީ / ފޮޓޯ: އިންޑިޕެންޑެންޓް

ވައިރަހަކީވެސް ބަދަލުވާ އެއްޗެކެވެ. ވައިރަހުގެ ޕްރޮޓީން ބައްޓަމަށް ބަދަލު އައިސް، އިތުރު މިއުޓޭޝަންތަކަށް އުފެދެއެވެ. މި ގޮތަށް އުފެދޭ މިއުޓޭޝަނަކީ ވައިރަހާ ދެކޮޅަށް ބާރު ލިއްބައިދެނިވި މިއުޓޭޝަނަކަށް ވެއްޖެނަމަ، އެއް ޖީލުން އަނެއް ޖީލަށް މިކަން ވާރުތަވެ، އާންމުވެގެންދެއެވެ. އަދި އެހެން ވާޝަންތައް އިންތިހާއަށް މަދުވެއެވެ. އެހެން ކަމުން، ގިނަ އަދަދެއްގެ ބައެއްގެ މެދުގައި އެއް ޖީންއެއް ގަދަ ކުރާނަމަ، އެއީ މާޒީގައި އެ ޖީންއެއް ހަލުވިކަމާއެކު ބަދަލު ކަމުގެ ނިޝާނެއް ކަމަށް ސައެންސްވެރިންނަށް ބުނެވިދާނެއެވެ.

ޑރ އެނާޑްގެ ދިރާސާއަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 26 އާބާދީއަކުން، އެތައް ހާސް ބައެއްގެ ސާމްޕަލް ނެގިއެވެ. މި ގޮތަށް ބެލި ބެލުމުން، ގަދީމީ ކޮރޯނާވައިރަހަކަށް، އިރުމަތީ އޭޝިއާގެ އާބާދީތައް އަހުލުވެރިވެފައި ވާ ކަން ހޯދުނެވެ. ދިރާސާގެ މުސައްނިފުންގެ ތެރޭގައި ހިމެނޭ، ޔުނިވާސިޓީ އޮފް އެޑިލޭއިޑްގެ ޕޯސްޓްޑޮކްޓޯރަލް ރިސާޗާ، ޔާސީން ސޫއިލްމީ ބުނާ ގޮތުގައި، މި ކަމެއް ހާއްސަވެފައި އޮތީ އިރުމަތީ އޭޝިއާ ސަރަހައްދަށެވެ. ދުނިޔޭގެ އެހެން ހިސާބަކުން މި ސިގުނަލެއް ނުފެނު ކަމަށް އޭނާ ބުނެއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ސިއްހީ ހިދުމަތްތެރިއަކު ބަލި މީހަކަށް ފަރުވާ ދިނުމަށް އިކުއިޕްމަންޓް ތައްޔާރުކުރަނީ/ފޮޓޯ: އޭއެފްޕީ

ދިރާސާ ޓީމުގެ ހޯދުންތަކުން، އެ ބުނާ ބަލިމަޑުކަމެއް ފެތުރުނީ މީގެ 25000 އާއި 20000 އަހަރު ކުރިން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ދުވަސްވަރަކީ، ކުދި ޖަމާއަތްތަކުގެ ގޮތުގައި އިރުމަތީ އޭޝިއާ ސަރަހައްދުގައި މީހުން ވަޒަންވެރިވެ އުޅުނު ޒަމާނެކެވެ. އަދި އެއީ ޝިކާރަކޮށްގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ބަރޯސާވެފައި އޮތް ޒަމާނެއްވެސްމެއެވެ.

ޑރ އެނާޑްގެ ޓީމުން 42 ޖީންއެއް ފާހަގަ ކޮށްފައި ވާއިރު، މިއީ ކޮވިޑް-19 އަށް ހާއްސަ ޑްރަގެއް ނުވަތަ ބޭހެއް އުފެއްދުމުގައި މުހިންމު ދައުރެއް އަދާ ކޮށްފާނެ އެއްޗެއް ކަމަށް ބުނެވެއެވެ.

މިހާރު މުޅި ދުނިޔެ އިނދަޖައްސާލާފައިވާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީވެސް އިރުމަތީ އޭޝިއާއިންނެވެ.