ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރެއިން އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓާ، އަވަށްޓެރި އިންޑިއާއިން ފެނުނު ވޭރިއަންޓު އެކުވެފައިވާ "ހައިބްރިޑް" ވޭރިއަންޓެއް ފެނިފައި ވާ ކަމަށް، ވިއެޓްނާމްގެ އޮފިޝަލުން ރިޕޯޓް ކުރައްވައިފިއެވެ.
މި ވޭރިއަންޓުގެ ވާހަކަ ހާމަ ކުރައްވަމުން، ވިއެޓްނާމްގެ ސިއްހަތާ ބެހޭ ވަޒީރު، ގުޔޭން ތާން ލޯންގް ވިދާޅުވީ، ވިއެޓްނާމުން ފެނުނު އާ ވޭރިއަންޓަކީ "ވަރަށް ނުރައްކާތެރި" ވޭރިއަންޓެއް ކަމަށެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު މަހު، ޗައިނާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަން ފެށިފަހުން، މި ބަލި ޖައްސާ ވައިރަސް ޖައްސާ ވައިރަސް، ތަފާތު އެކި ގޮތްގޮތަށް ވަނީ ބަދަލުވެފައެވެ. މިފަދަ ބައެއް ބަދަލާއެކު މިއުޓޭޓް ވެފައިވާ ވޭރިއަންޓްތަކަކީ އިންތިހާ ހަލުވި ކަމާއެކު ފެތުރެމުންދާ ވޭރިއަންޓްތަކެއްވެސްމެއެވެ.
ގުޔޭން ވިދާޅުވީ ވިއެޓްނާމުން އެންމެ ފަހުން ފެނުނު ވޭރިއަންޓަކީ ޔޫކޭ ވޭރިއަންޓާއި އިންޑިއާ ވޭރިއަންޓްގެ ސިފަތައް ލިބިފައިވާ ވޭރިއަންޓެއް ކަމަށާ، މި "ހައިބްރިޑް" ވޭރިއަންޓަކީ، ވަކިން ހާއްސަ ވައިގެ ޒަރިއްޔާއިން އިންތިހާ ހަލުވި މިނުގައި ފެތުރެމުން އަންނަ ވޭރިއަންޓެއް ކަމަށް ދެނެގަނެވިފައި ވާ ކަމަށެވެ.
ގުޔޭން ވަނީ، މި ވޭރިއަންޓްގެ ޖެނެޓިކް ކޯޑު، ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
މި ފަހަކަށް އައިސް، ވިއެޓްނާމުންވެސް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރު ވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ފެށިފަހުން އެ ގައުމުން މިހާތަނަށް 6700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވާއިރު، މީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުން ފަށައިގެން ކަން ފާހަގަ ކުރަން ޖެހެއެވެ.