މިންތީގެ ހަމަހަމަކަން ނުވަތަ ދެ ޖިންސުގެ ހަމަހަމާ ގުޅުން ހުރި ކަންކަމުގައި ގަޑީގެ ކަށި ނުވަތަށް އަނބުރައިގެން ބަލިމަޑުކަމުން އަރައިގަނެވެން ނެތް ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ އަންހެނުންގެ ދުވަހަށް ހާއްސަ ކުރައްވައިގެން ދެއްވި މެސެޖުގައެވެ.

މި ރޫހުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އަންހެނުންގެ ފަރާތުން ލިބުނު ހިޔާލުތަކާއި، އީޖާދުތަކުގެ އިތުރުން އަދަށް ވުރެ ފަހި ތަނަކަށް ދުނިޔެ ހެދުމަށް އަންހެނުން އަދާ ކުރަމުންދާ ހަރަކަތްތެރި ދައުރު ފާހަގަ ކުރައްވާ، އެކި މައިދާންތަކުގައި ލީޑަރުންގެ ދައުރު އަދާ ކުރައްވަމުން ގެންދަވާ ކަނބަލުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލިމަޑުކަން ފެތުރިގެން ދިޔަ އިރު އެކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލި އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިންކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ސްކޫލްތަކާއި ވަޒީފާގެ މައިދާންތަކުގެ ދޮރު، އަންހެން ކުދިންނާއި އަންހެނުންނަށް ބަންދުވެ، އިންތިހާ ފަގީރުކަމުގެ ތެރެއަށް ވެއްޓި ދިއުން ފަދަ ކަންކަން ހިނގިކަން ގުޓެރޭޒް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަނިޔާ ލިބޭ މިންވަރު އިތުރުވި ކަމާ، ކޮންމެހެން އަދާ ކުރަން ޖެހޭ ޒަރޫރީ ހިދުމަތްތަކުގެ ތެރެއިން އުޖޫރައަކާ ނުލާ މަސައްކަތް ކުރާ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުން ކަންވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމަށް އޮތް ހައްލަކީ ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދީ، ހެޔޮ މަސައްކަތްތަކުގައި އުޅުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށްދިނުމަށް ތަމްރީނުތައް ފުޅާ ކުރުމާ، ވަކި ޖިންސަކަށް ނިސްބަތް ވީތީ ލިބޭ އަނިޔާއަށް ނިމުން ގެނައުމާ، އާލަމީ ސިއްހީ ފަރުވާގެ ނިޒާމް ނެގެހެއްޓުން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިންތީގެ ކޯޓާއެއް ކަނޑައަޅާ، އަންހެން ލީޑަރުންގެ ފަރާތުން ދުނިޔެއަށް މަންފާ ލިބެނިވި މަގު ތަނަވަސް ކުރުމަށްވެސް ގުޓެރޭޒް ވަނީ އިރުޝާދު ދެއްވާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުންދާ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރު ހާއްސަ ކޮށްފައި ވަނީ، ދެމެހެއްޓެނިވި މާދަމާއަކަށްޓަކާ އަދުގެ މިންތީގެ ހަމަހަމަ ކަމުގެ މައްޗަށެވެ.