އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު އެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ މުހައްމަދު ނަޝީދަށް ދެރަ ގޮތެއް ވިޔަ ނުދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ، ނަޝީދުގެ ފަޅިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ކެމްޕޭން ހަރަކާތްތަކުގެ ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ.

މިގޮތުން ހަސަން ލަތީފު ވިދާޅުވީ، ނަޝީދަށް ދެރަ ގޮތެއް ވިޔަ ނުދިނުމުގެ އިތުރުން އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަކީ ވެސް އެ ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އައްޑޫގެ އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު އެދުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން. ރައީސް ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން. ލިބުނު އުފާވެރިކަމަކީ އިންތިއާއެކު އެމަސައްކަތުގައި ފޫގަޅާފައި އެމެންބަރުން ތިބިކަން ކަށަވަރުވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އައްޑޫ އެމްޑީޕީ
ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ކުރިމަތިލާން އެމްޑީޕީގެ މެންބަރުންނަށް ހުޅުވާލާފައި ވާއިރު، އިންތިގެ އިތުރުން އެމަގާމަށް ކުރިމަތިލައްވާފައި ވަނީ މި ވަގުތު އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލްއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު ހަމަވެފަައި ވާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައި ވެއެވެ.