ގައުމުގެ އެންމެ ރަނގަޅު ކުންފުންޏަށް ސްޓެލްކޯ ހެއްދެވިއްޖެ ކަމަށާއި އަބަދުވެސް ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ހަސަން މުޣުނީ ވިދާވެއްޖެއެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުން މުޣުނީ ވަކިކޮށް މިއަދު އެ މަގާމަށް ވަނީ ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހަމަޖައްސާފައެވެ. މުޣުނީއަށް އެ މަގާމު ލިބުނީ ޖުމްހޫރީ ޕާޓީގެ ސްލޮޓަކުންނެވެ.
މުޣުނީ މިއަދު ވިދާޅުވީ ސްޓެލްކޯގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ ކުންފުނި ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށާއި ރާއްޖޭގައި މިއަދު އޮތް އެންމެ ރަނގަޅު ކުންފުންޏަށް ސްޓެލްކޯ ހެއްދެވިފައިވާ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.
މުޣުނީ އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ ސަގާފަތް ސްޓެލްކޯ އިން ނެތިކޮށްލައި ޒުވާން ލީޑަރުން އުފެއްދުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަބަދުވެސް ސްޓެލްކޯއަށް ކުރިއެރުން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ މަގާމުން މުޣުނީ ވަކިކުރުމަށް ފަހު އެންވާރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ވެރިޔާގެ މަގާމަށް އޭނާ ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ސްޓެލްކޯގެ އިތުރުން 2 ކުންފުންޏެއްގެ ވެރިން ބަދަލުކުރަމަށް ނިންމާފައި ވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެއީ ވެމްކޯއާއި ޕޯސްޓު އޮފީހެވެ. އަދި އެ 2 ކުންފުނީގެ ވެރިން ބަދަލުކުރަން ރައީސް އޮފީހުން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި އެދިފައެވެ.