މާލެއަށް ނާރާތާ އެތައް އަހަރެއް ފަހުން، ވެލައެއް އަރައިފިއެވެ.

މި ވެލާ އަރާފައިވަނީ މާލޭގެ އިރު ދެކުނު ފަރާތުން، ސިނަމާލެ ބްރިޖް ފެށޭ ކޮޅުގެ ދެކުނު ފަރާތުން ހެދިފައިވާ ވެލިގަނޑުގެ މައްޗަށެވެ.

ގްރީން ޓާޓަލްގެ އާއިލާއަށް ނިސްބަތްވާ މި ވެލާ މާލެއަށް އަރާފައިވަނީ ރޭ ދެންވަރުގެ ވަގުތެއްގައެވެ. އަދި ފަތިސްވެގެން ދިޔައިރުވެސް އެ ވެލިގަނޑުގެ މަތީގައި ވެލާ އެބައޮތެވެ.

އެންމެ ފުރަތަމަ އެ މަންޒަރު ފެނިފައިވަނީ ފަތިހު ދުވަންދާ މީހުންނަށެވެ. އެ ވެލާގެ ވީޑިއޯއެއް މިއަދު ހެނދުނު 6 ޖަހަނިކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައި ވަނީ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

https://fb.watch/bqQ6HLZyZ5/

މީގެ ކުރިން މާލެއަށް ވެލައާއި ކަހަނބު އަރައި އުޅުނު ނަމަވެސް، މާލެ ވަށައި ބޮޑު ތޮށި ލުމާ ގުޅިގެން ވެލައާއި ކަހަނބު އެރުން ވަނީ ގާތް ގަނޑަކަށްހެން ހުއްޓިފައެވެ. މިއީ އެތައް އަހަރަކަށް ފަހު މާލެއަށް އެރި ފުރަތަމަ ވެލައެވެ.

އާންމު ގޮތެއްގައި ވެލައެއް އެރުމަށްފަހު، އެ ތަނުގައި 100 އެއްހާ ބިސް އަޅައެވެ. ނަމަވެސް، އޭގެ ތެރެއިން ސަލާމަތްވެ، ބޮޑުވަނީ ވަރަށް މަދު ވެލާތަކެކެވެ. އާންމު ގޮތެއްގައި 30-20 އަހަރު ފަހުން އެ ވެލާ އަނެއްކާވެސް އެނބުރި އާދެއެވެ