ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާ ކޮންމެ ފަހަރަކު، އެކަމަކަށް ދިވެހިން ތައްޔާރުވެ ތިބުމަށްޓަކައި އެކަން ދިވެހިންނަށް އެނގެން ޖެހޭ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރުމުގެ ގޮތުން ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން، އެ ރަށުން ޔާމީނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ބޭއްވި ހިނގާލުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެއަށްފަހު ވިލިނގިލީގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ސިފައިން ތަމްރީނު ކޮށްފައި ތިބީ އެއްގޮތަކަށްވެސް ސިޔާސީ ލީޑަރުން ބުނާ ގޮތަކަށް ހަދަން ނޫން ކަމަށާއި، ސިފައިންނަށް ސިޔާސީވުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް، ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އެގޮތަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، ފާޑުވިދާޅުވިއެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި އެއްވެސް ލީޑަރަކަށް އެކަމާ ދެކޮޅަށް އެއްވެސް ބަހެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށާއި، ހުރިހާ ލީޑަރުންވެސް ތިއްބެވީ ވެރިކަން ގެނެވުނީތީ ވެރިކަން ދިފާއުކުރުމުގައި އަވަދިނެތި ކަމަށް ވިދާޅުވެ، ޔާމީން ވަނީ ކޯލިޝަންގެ ހުރިހާ ލީޑަރުންނަށްވެސް ފާޑު ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް އަންނަ ކަމެއް ކަމަށް ވަންޏާ އެކަމަކީ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށްޓަކައި، އެކަން ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ. ދިވެހިރާއްޖެއަށް ބޭރުގެ އުދުވާނީ ހަމަލައެއް ދީފާނެތީ ޔޫކްރައިނުން ސިފައިން ގެނެސް މިތާ ބައިތިއްބަންވީނު. ކީއްކުރަން އިންޑިއާއިން މި ގެންނަނީ؟ މިއުޅެނީ ކީއްވެގެން؟ ހުން އަތުވެދާނެ ކަމަށް ކުރީބައިގަ ރަޖާ ލަނީތަ؟ އެހެނެއް ނޫން ވެގެން މިއުޅެނީ. ގެނައި ހުރިހާ ބިސްތަކެއް އެހުރީ ފީވެފަ، އެ ވާހަކަ ގަބުޅުކުރަން ނުކެރިގެން މި އުޅެނީ."
އަބްދުالله ޔާމީން | ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު

އެހެންވީމައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭނެ ކަމަށާއި، ރާއްޖެ ހިމާޔަތްކުރުމުގެ ކަންކަން އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރާނެ ކަމަށް ވިދާލުވިއެވެ. ނަމަވެސް، ދުރާލާ އިންޑިއާ ސިފައިން ގެންނަންޏާ އޭގެ މާނައަކީ އިންޑިއާ ސިފައިންނަށް ރާއްޖެ "ހިސޯރުކުރަން" ފުރުސަތު ދިނުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ ވާހަކަތައް ރައްޔިތުންގެ ގާތު ސަރުކާރަށް ބުނަން ނުކެރެނީ ކީއްވެތޯ ޔާމީން ސުވާލު ކުރެއްވިއެވެ.

އަދި އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ސިފަކުރައްވާ ސިފަ ކުރެއްވުން ތަކުރާރު ކުރައްވައި ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި، ސިފައިންގޭގެ އިސް ބޭފުޅުންނަށް ދީފައި އޮތް ބާރެއްނޫން ކަމަށެވެ.

"އެހެންވީމަ ވަކި ބަޔަކު މިތަނުގަ ބަނޑަހަ ޖަހައިގެން ދިވެހިރާއްޖޭން އެ މެހެމާންދާރީ އެ ބަޔަކަށް ދީގެން މިތަނުގަ މި އުޅެނީ ކީއްކުރަން ހެއްޔޭ؟ މިތަން މި އުޅެނީ ގުޅަކުޅޭ ފަސްގަނޑަކަށް ބަދަލުކުރަން ހެއްޔޭ؟ އެއީކީ އެއްގޮތަކަށްވެސް ދިވެހި ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފަ އޮތް ބާރެއްނޫން. އަދި އަމުދުން ޖެނެރަލް ޝަމާލާއި ސިފައިންގެ އެތެރޭ ތިބި އިސް ޖެނެރަލުންނަށް ދީފައޮތް ބާރެއްނޫން އެއީކީ."
އަބްދުالله ޔާމީން | ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު

މިއަދު ގއ. ވިލިނގިލީގައި އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައި ވާއިރު، އިދިކޮޅުން އަންނަނީ ރަށްރަށުގައިވެސް އިންޑިއާ އައުޓް ހަރަކާތް ފުޅާކުރަމުންނެވެ. ފަސް އަހަރުގެ ޖަލު ހުކުމަކުން ޔާމީން މިނިވަންވެ ވަޑައިގަތުމާއެކު، މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ކ. ގުރައިދުއާއި، އެ އަތޮޅުގެ ތުލުސްދުއާއި ފ. ނިލަންދުއާއި، ށ. ފުނަދޫގެ އިތުރުން ރ. ދުވާފަރާއި، އެ އަތޮޅުގެ މީދޫގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ފާސް ކުރުމަށް ފަހު، ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށް ހުށަހަޅާފައި ވެއެވެ.

އެ ބިލްގެ ޑްރާފްޓްގައިވާ ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށްލުމާއެކު އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.