ދިރާގުގެ ފައިބާ އިންޓަނެޓު ހިދުމަތާއި ޓީވީގެ ހިދުމަތް ޅ. ކުރެންދޫގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ކުރެންދޫގެ ރައްޔިތުންނަށް މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމާއި، ހާއްސަ ރައުޓަރު ހިލޭ ލިބޭގޮތަށް ހާއްސަ އޮފާތަކާ އެކުގައި، އެ ރަށުގެ ކައުންސިލް އިދާރާ ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެހެންކަމުން މިއީ އެންމެ ހަލުވި ސްޕީޑާއި ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ދިރާގުން ބުންޏެވެ.

ހަމަ އެއާއެކު، ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑަރުވެސް ހިލޭ ލިބޭނެ ކަމަށާއި، ދިރާގު ޓީވި މެދުވެރިކޮށް އެންމެ މަގްބޫލު ޓީވީ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން، އެ ރަށުގެ ރައްޔިތުންނަށް މިހާރު ބަލާލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

އެކުންފުނިން ބުނީ، ރާއްޖޭގެ 82 ޕަސެންޓު ގޭބިސީއަށް ދިރާގު ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ކުރެންދޫގެ އިތުރުން، ދިރާގުގެ ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ށ. ކަނޑިތީމާއި ކ. ހުރާގައި، އަދި ޓީވީގެ ހިދުމަތް ގދ. ރަތަފަންދޫގައި މިމަހު އިފްތިތާހުކޮށްފައިވެއެވެ.