ޅ. މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައި، ކޮމާޝަލް ދަތުރުތައް މިއަދު އިފްތިތާހު ކޮށްފިއެވެ.

މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތައް އިފްތިތާހު ކޮށްދެއްވީ، އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މަޑިވަރަށް ކުރާ ދަތުރުތައް އިފްތިތާހު ކޮށްދެއްވުމަށް މޯލްޑިވިއަންގެ ފްލައިޓެއްގައި ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ކުރެއްދޫ ހޯލްޑިންސްގެ އިތުރުން، މަޑިވަރު އެއާޕޯޓުގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް އިސްވެރިންނަށް މަރުހަބާ ދަންނަވަމުން، އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މަޑިވަރު އެއާޕޯޓާއެކު، ރާއްޖޭގެ އިގްތިސޯދަށް އިތުރު ކުރިއެރުންތައް ލިބެމުން ދާނެ ކަމަށާއި، އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އަދި ވިޔަފާރީގެ އިތުރު ދޮރުތަކާއި ވަޒީފާގެ އިތުރު ފުރުސަތުތަކެއް ޅ. އަތޮޅުގައި ހުޅުވާލެވިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ، އައިއޭއެސް އާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހަވާލުކޮށްދެއްވާފައިވާއިރު، އައިއޭއެސްގެ ފަރާތުން މަޑިވަރު އެއާޕޯޓުގެ ފުރަތަމަ ބޯޑިން ޕާސް އަދި ކުރެއްދޫ ހޯލްޑިންސްގެ ފަރާތުން ހަނދާނީ ފިލައެއް ވަނީ ރައީސަށް ހަދިޔާ ކުރައްވާފައެވެ.

މަޑިވަރު އެއާޕޯޓު އިފްތިތާހު ކޮށްދެއްވުމަށްފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ހިންގާ މަޝްރޫއުތަކަކީ ރައްޔިތުންގެ ދިރިއުޅުން ލުއިފަސޭހަކޮށްދޭނެ މަޝްރޫއުތަކަށް ވުން މުހިންމު ކަމަށާއި، މިއަދު ހުޅުވި އެއާޕޯޓާއެކު ޅ. އަތޮޅުގެ ދިރިއުޅުމަށް އެތައް ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިއަދު ހުޅުވުނު އެއާޕޯޓަކީ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށްޓަކައި އެޅުނު މުހިންމު ފިިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

މަޑިވަރު އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވާފައިވާއިރު، އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އެ އެއާޕޯޓުގެ އެއްކޮޅަށް ޓިކެޓެއް ލިބެނީ 1،029ރ އަށް ވާއިރު، ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 2،058ރ އަށެވެ.