މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ ހޯދުމަށް އެމްޑީޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ކޯޓުން ބޭރުގައި ހެދި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ނިންމާލައިފިއެވެ.

މި މައްސަލައަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް އަރާފައިވާ ޖުމްލަ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް ފައިސާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ. މި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ހުކުމްކޮށްފައިވީ ނަމަވެސް، އެ މުއްދަތުގައި އެމްޑީޕީން ފައިސާ ދައްކާފައެއް ނުވެއެވެ.

ފައިސާ ނުލިބުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދޫކުރާ ފައިސާގެ ތެރެއިން އެ އަދަދު އުނިކުރުމަށާއި، އެ ޕާޓީގެ އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް، މި މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ދެ ފަރާތުގެ މެދުގައި ވަނީ ސެޓްލްމަންޓް އެގްރީމަންޓެއް ގާއިމްކޮށްފައެވެ.

  • ޖުމްލަ އަދަދު: ކެމްޕެއިން ދަތުރުތަކަށް ޖުމްލަ 5.6 މިލިއަން ރުފިޔާ.
  • ނުދައްކާ އޮތް ފައިސާ: މީގެ ތެރެއިން 3.6 މިލިއަން ރުފިޔާ އަދިވެސް އޮތީ ނުދައްކާ
  • ކޯޓު ހުކުމް: މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ވަނީ އެއް މަސް ތެރޭގައި ފައިސާ ދައްކަން ހުކުމްކޮށްފައެވެ. ނަމަވެސް އެމްޑީޕީން އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އައިލެންޑް އޭވިއޭޝަނުން ކޯޓުގައި އެދިފައިވަނީ ދެ ފަރާތުން ވެސް އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އަމުރުކޮށްދިނުމާއެކު، ހުށަހަޅާފައިވާ މައްސަލަ ނިންމައިދިނުމަށެވެ. އެއާއެކު ސިވިލް ކޯޓުން މިއަދު ވަނީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދެ ފަރާތުގެ މައްޗަށް އަމުރުކޮށް، ތަންފީޒީ މައްސަލަ ނިންމާލާފައެވެ. ނަމަވެސް މި އައު އެއްބަސްވުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް މި ފައިސާ ދެއްކުމަށްޓަކައި 2027 ވަނަ އަހަރުގެ ކުރިން ހަ މަހުން ހަ މަހުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެއްބަސްވުމެއް ހެދުނެވެ. އެހެންނަމަވެސް، އެމްޑީޕީން އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އައިލެންޑް އޭވިއޭޝަނުން ނިންމީ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށް ދައުވާ ކުރުމަށެވެ.