އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް (އެއާބޯން) ތަމްރީނުތައް ރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށް ޓަކައި، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ އެއާބޯން ތަމްރީންތަކާއި ހާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވައިގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އައިލެންޑް އޭވިއޭޝަނާ ގުޅިގެން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްުން އިތުރުކުރުމަށާއި، އެއާބޯން އޮޕަރޭޝަންތަކަށް ބޭނުންވާ އާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުކުރެއްވުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ސްޕެޝަލް ފޯސަސް (އެސްއެފް) އަކީ 2009 ވަނަ އަހަރު އުފެއްދި، ހާއްސަ އޮޕަރޭޝަންތަކާއި ކައުންޓާ ޓެރެރިޒަމް އަދި ރެސްކިއު މިޝަންތައް ހިންގުމަށް ތަމްރީނުކުރެވިފައިވާ އެލީޓް ޔުނިޓެކެވެ.
މީގެ ކުރިން މަތިންދާބޯޓުން ފުންމާލުމުގެ އަސާސީ އަދި ކުރިއަރާފައިވާ ތަމްރީނުތައް ދިވެހި ސިފައިން ފުރިހަމަކުރަމުން ދިޔައީ ބޭރުގެ އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅިގެންނެވެ.
