އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން، މާދަމާ މާލެއިން ޖިއްދާއަށް ފުރުމަށް ހަމަޖެހިފައިވާ އުމްރާ ފްލައިޓް ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އައިލެންޑް އޭވިއޭޝަނުން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރު އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކޮށް އައިލެންޑް އޭވިއޭޝަނުން ބުނީ މިހާރު އޮތް ނުރައްކާ މިންވަރަކީ ފަސިންޖަރުންގެ ސަލާމަތަށް ބުރުއަރާފަދަ ނުރައްކާތެރި ހާލަތެއްކަމުގައި ލަފާކޮށްފައެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ބުނީ މެދުއިރުމަތީގެ ހާލަތު ގޯސްވަމުން ދިއުމުގެ ސަބަބުން ބައެއް އެއާލައިންތަކުން މިހާރު ސައުދީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކާއި ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ޖިއްދާގެ ވައިގެ މައިގެ ސަރަހައްދު ބޭނުންކުރުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާ މާލެއިން ޖިއްދާއަށް ފުރުމަށް ހަމަޖެހިފައިވާ ފްލައިޓް ފަހުގެ ތާރީހަކަށް ފަސްކޮށް އައިލެންޑް އޭވިއޭޝަނުން ވަނީ ދަތުރު ފަސްކުރުމާ ގުޅިގެން އުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އައިލެންޑް އޭވިއޭޝަނާއި ހައްޖު ކޯޕަރޭޝަނުން މައާފަށް އެދިފައެވެ. އަދި އުމްރާވެރިންނަށް ވީ އެންމެ އަވަހަކަށް މި ދަތުރު ހަމަޖައްސައިދިނުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއެވެ.