ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފުލާކުރުމުގެ ގޮތުން ސީ ޕްލޭން ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ތޮއްޑޫ އަށް އެ ހިދުމަތް މާދަމާ ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރު ވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރައީސް ވެވަޑައިގެން ވައުދުފުޅުތަކާ އެއްގޮތަށް އެމަނިކުފާނު ފާހަގަކުރައްވާފައިވާ ތާރީހުތަކާ އެއްގޮތަށް ރަށްރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަަމަށެވެ.

ދާ ދި ފަހުން ވެލިދޫއަށް އެ ހިދުމަތް ފެށިކަން ފާހަގަ ކުރައްވަމުން އަލީ ސަލީމް ވިދާޅުވީ، މި މަހުގެ 12 ވަނަ ދުވަހު އެ ހިދުމަތް ތޮއްޑޫއަށް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު 2 ދުވަހުއެވެ. އެރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމުން ފަތުރުވެރިކަމާއި އިގްތިސޯދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަަމަށް ސަރުކާރުން ބުނެއެވެ.

ތޮއްޑޫ އަށް މި ހިދުމަތް ފަށަން ތައްޔާރުވެފަިއވާ އިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހު މި ވަނީ ވެލިދޫއަށް ސީ ޕލްޭންގެ ހިދުމަތް ފަށާފައެވެ. ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސީޕްލޭން ހިދުމަތް ފެށުމަށް ގިނަ ރައްޔިތުންތަކެއް ވަނީ އެދިފައެވެ. އެ ގޮތުން މި ހިދުމަތް ފެށުމަށް އެދިފައިވާ ރަށްރަށަށް ސީޕްލޭންގެ ހިދުމަތްތައް މި އަންނަނީ ފޯރުކޮށް ދެމުންނެވެ.

މީގެ އިތުރުން ވެސް މޯލްޑިވިއަނުން އަންނަނީ އިތުރު ރިސޯޓްތަކަށް ވެސް ސީޕްލޭން ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންނެވެ. މި ވަގުތު މޯލްޑިވިއަންގައި ހުރި ސީޕްލޭންތަކާ އެކު ހިދުމަތްތައް ފުޅާ ކުރަމުން އަންނަ އިރު، އިތުރު ސީޕްލޭންތައް ލިބިގެން ދިއުމުން މި ހިދުމަތް އިތުރަށް ފުޅާ ކުރެވޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެފައި ވެއެވެ.