ގިނަދުވަސްތަކެއްގެ އިންތިޒާރަށް ފަހު ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއާ ލީގްގެ މެޗުތައް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް ބަލާލެވޭނެ ކަމަސް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް އެޗްޑީ ކޮލިޓީ އަދި އެންމެ ހެޔޮއަގުގައި ބަލާލެވޭނެ ކަމަށެވެ. އެ ގޮތުން ދިރާގު ޓީވީން ވަނީ ޕްރިމިއާ ލީގް ބެލޭ ނިއޯ ޓީވީ ޗެނަލް ދިރާގު ޕްލޭގެ ހުރިހާ ޕެކޭޖްތަކެއްގައި ހިމަނާފައެވެ.

ޕްރިމިއާ ލީގުގެ މެޗުތައް ބަލާލެވޭ ގޮތަށް ހަމަޖެހިގެން ދިއުމާއެކު ދިރާގު ޓީވީ މެނޭޖާ ޒިހާރު ޒަރީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅަ އަށް ފޯރި ހުންނަ ފަރާތްތަކަށް މި ހަބަރު ހިއްސާ ކުރަނީ ނުހަނު އުފަލާއެކު ކަމަށާއި އަދި ފާއިތުވެ ދިޔަ ދުވަސްތަކުގައި ކަސްޓަމަރުން ދިރާގުޓީވީއަށް ކުރި އިތުބާރާއި ދެއްވި ތަރުހީބަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުން ދާނީ ކުޅިވަރުގެ އެންމެ މަގުބޫލު ކޮންޓެންޓް ދިރާގު ޓިވީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

ނިއޯ ޓިވީގެ ސީނިއާ އެގްޒެކެޓިވް، އިބްރާހިމް އަލީ ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް އައިޕީ ޓީވީ ހިދުމަތް ފޯރުކޮށްދެމުން ދާ ދިރާގުޓީވީ މެދުވެރިކޮށް އެންމެ ފޯރި ގަދަ ޕްރިމިއާ ލީގް މެޗުތައް ލައިވްކޮށް ރާއްޖޭގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނަށް ގެނެސްދެވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ދިރާގުޓިވީ މެދުވެރިކޮށް ތަފާތުގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.