ރޫޓު ފިހާރައިން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ސައިކަލެއްގައި ދިޔަ ބަޔަކު ފޭރެން އުޅުނު މައްސަލައިގައި ދައުވާކުރި 5 މީހުންގެ ތެރެއިން ހަތަރު މީހަކު އިއްޔެ ކުށަށް އިއުތިރާފު ވެއްޖެއެވެ.

ރޫޓު ފިހާރައިގެ ފައިސާ ފޭރުނު މައްސަލައިގައި ދައުލަތުން ވަނީ ފަސް މީހެއްގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުން؛

  • ލ. ގަން ތުނޑި، ކީމިޔާގެ އަބްދުﷲ ރާޝިދު،
  • ގއ. ވިލިގިނލި، ކާނިރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،
  • މާލެ ދަފްތަރު ނަމްބަރު ރސ 3678 ހުސެއިން އަބްދުލް މަޖީދު
  • މާލެ ވ. ޕިންކުވިލާ އަހުމަދު އަމީރު

އަދި ރ. ރަސްމާދޫ، އޯކިޑްމާގެ މުހައްމަދު އަޒްމީންގެ މައްޗަށް ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

އޮކްޓޯބަރު 5، 2020 ވަަނަ ދުވަހު ހިނގި މި ހާދިސާގައި އެ ފަސް މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޑިސެންބަރު 30، 2020 ވަނަ ދުވަހުއެވެ. ދައުލަތުން ކުރި ދައުވާއަށް އަޒްމީން ފިޔަވާ އެންމެން ވަނީ އިއުތުރާފު ވެފައެވެ.

އެ މީހުންގެ އިއުތިރާފު ޝަރީއަތުން ބަލައިގަނެ އަވަސް ނިޔާ އިން މައްސަލަ ކުރިއަށްގެންގޮސް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އެ މީހުންނަށް ހުކުމް އިއްވުން މިމަހުގެ 20 ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ވަނީ އެހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ބުނެފައެވެ.