މީގެ ހަ އަހަރު ކުރިން މަސްތުވާތަކެއްޗާއެކު ލަންކާގައި ހައްޔަރުކުރި ދިވެއްސަކުު އުމުރަށް ޖަލަށް ލާން އެގައުމުގެ ވެރިރަށް ކޮލަމްބޯގެ ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ލަންކާގެ "ނިއުސް ފަސްޓު" ނޫހުގައިވާ ގޮތުން، އެ މައްސަލާގައި އެ ގައުމުން އޭނާ އާ އެކު އޭޕްރިލް 22، 2016 ގައި ހައްޔަރުކުރި ދެވަނަ ދިވެހި މީހާ ވަނީ ދޫކޮށްލާފައެވެ. އެ މައްސަލާގައި އެ ދުވަހު ލަންކާގެ ބަމްބަލަޕިޓިޔާއިން ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހުންގެ ވަނަވަރު ސާފުކުރަން ފުލުހުންނަށް ގުޅުމުން، ފުލުހުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

އެ ނޫހުގައި ވާ ގޮތުން، ކޮލަމްބޯގެ ހައިކޯޓުން އެ ދިވެހި މީހާ ޖަލަށް ލާން ހުކުމްކުރީ 265 ގްރާމްގެ ހެރޮއިން އޭނާ އަތުން ފެނިގެންނެވެ. ނަމަވެސް ދެވަނަ މީހާ ދޫކޮށްލި ސަބަބެއް އެ ނޫހަކުން ނުބުނެއެވެ.

އެ ދެ މީހުން ހައްޔަރުކުރި ދުވަސްވަރު ލަންކާގެ ފުލުހުން ވަނީ މަސްތުވާތަކެތީގެ އެހެނިހެން މައްސަލަތަކުގައިވެސް ދިވެހިން ހައްޔަރުކޮށްފައެވެ.