މިއަހަރު ފެށުނު މަހު އާމްދަނީ ލިބުނީ އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ކަމަށް، މީރާއިން ބުނެފިއެވެ.
މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މަހު 2.36 ބިލިއަން ރުފިޔާ އެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީއަށް ވުރެ 31.2 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.
އޭގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީއަކީ އަންދާޒާކުރި ވަރަށް ވުރެ 38.6 އިތުރު އަދަދެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން މައުލޫމާތުދިން ގޮތުގައި، މިދިޔަ ޖެނުއަރީގައި އާމްދަނީ އިތުރުވެފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އާއި، ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދެ ގުނަ އިތުރުވެފައިވުމާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލީސް ޕީރިއަޑް ފީއެއް ނުލިބެއެވެ.
މިދިޔަ މަހު އެންމެ ގިނައިން އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ ޖީއެސްޓީ ކަމަށް މީރާއިން ބުނެއެވެ. ދެން އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ބަލައިގެންފައިވަނީ އިންކަމް ޓެކުހާއި، ގްރީން ޓެކުހާއި، ޓޫރިޒަމް ލޭންޑް ރެންޓާއި، ލީސް ޕީރިއަޑް އެކްސްޓެންޝަނެވެ.
މިދިޔަ މަހު މީރާއަށް އާމްދަނީ ލިބުނު ގޮތުގެ ތަފްސީލް
- ޖީއެސްޓީ: 1.05 ބިލިއަން ރުފިޔާ (44.6 ޕަސެންޓު)
- އިންކަމް ޓެކްސް: 864.41 މިލިއަން ރުފިޔާ (36.6 ޕަސެންޓު)
- ގްރީން ޓެކްސް: 95.19 މިލިއަން ރުފިޔާ (ހަތަރު ޕަސެންޓު)
- ޓޫރިޒަމް ލޭންޑް ރެންޓް: 84.49 މިލިއަން ރުފިޔާ (3.6 ޕަސެންޓު)
- ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ: 76.55 މިލިއަން ރުފިޔާ (3.2 ޕަސެންޓު)
- އެހެނިހެން: 188.54 މިލިއަން ރުފިޔާ (އަށް ޕަސެންޓު)
ހަމަ އެއާއެކު މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ބުންޏެވެ.