ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒު ވެފައި ވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އެސެޓްތައް މިހާރުން މިހާރަށް ފްރީޒްކޮށް، މަހެއްގެ ތެރޭގައި އޭނާއަށް އެކައުންޓުން ފައިސާ ނެންގެވޭނެ އެންމެ މަތީ މިންވަރު، މެލޭޝިއާގެ ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ހަބަރު ލިބޭ ގޮތުގައި ނަޖީބަށް އެންމެ ގިނަވަގެންވެސް މަހެއްގެ މައްޗަށް، ބޭންކުން ނެންގެވޭނީ 1 ލައްކަ މެލޭޝިއަން ރިންގެޓް ނުވަތަ، ގާތްގަނޑަކަށް 24000 އެމެރިކާ ޑޮލަރެވެ.

ނަޖީބުގެ އެކައުންޓްތައް ފްރީޒްކޮށް، ބޭންކުން ފައިސާ ނެންގެވޭނެ މިންވަރު ކޮންޓްރޯލް ކުރުމަށް ހައިކޯޓުން އަމުރު ނެރުނީ، 1 މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑް (ވަންއެމްޑީބީ) އާއި ވަންއެމްޑީބީގެ 4 ސަބްސިޑަރީއިން ހުށަހެޅި ހުށަހެޅުމެއްގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ވަންއެމްޑީބީއިން ނަޖީބާ ދެކޮޅަށް ހުށަހެޅި ދައުވާއަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަޖީބާ ދެކޮޅަށް ހުށަހަޅާފައިވާ 681 މިލިއަން ޑޮލަރުގެ ދައުވާ، ވަންއެމްޑީބީގެ، ކުރީގެ 7 އޮފިސަރެއްގެ މައްޗަށްވެސް ކުރެއެވެ. ނަމަވެސް އެސެޓްތައް ފްރީޒް ކުރުމަށް ހައިކޯޓުން އަމުރު ކުރީ ނަޖީބާ ދެކޮޅަށް އެކަނި ކަމަށް ހަބަރު ލިބެއެވެ.

ކޯޓު އަމުރު ނެރެފައި ވާ ގޮތުން، ނަޖީބުގެ އެސެޓްގެ ގޮތުގައި 681 މިލިއަން ޑޮލަރު ހަމަވުމަށް ފަހު ބަކީ ހުރި މިންވަރެއް ބަދަލު ނުވަތަ ހަރަދު ކުރައްވާ ހެއްދެވިދާނެއެވެ.

ބޭންކުން 1 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަވަގެންވެސް ފައިސާ ނެންގެވޭނީ 1 ލައްކަ ރިންގިޓް ހަމަވަންދެކަށް ކަމަށް ކަނޑައަޅާފައި ވަނީ، ނަޖީބުގެ ދިރިއުޅުއްވުމުގެ ހަރަދުތަކާ، ގާނޫނީ ކަންކަމަށް ހަރަދު ކުރެއްވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ. އިތުރަށް ބޭނުންފުޅު ވާ ނަމަ، ވަންއެމްޑީބީއާއި އަދިވެސް އިތުރު ފަރާތެއްގެ އިޒުނަ ހޯދަން ޖެހެއެވެ.