އިގުތިސޯދު އާރާސްތު ކުރުމަށް އެހީއެއްގެ ގޮތުގައި، މެލޭޝިއާގެ ބައިނަލްއަގުވާމީ ބޯޑަރު މުޅިން ހުޅުވާލުމަށް އެ ގައުމުގެ ނޭޝަނަލް ރިކަވަރީ ކައުންސިލް (އެންއާރްސީ) އިން ނިންމައިފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން އެންއާރްސީގެ ޗެއާމަން މުހްޔިއްދީން ޔާސީން ވިދާޅުވީ، ލާޒިމު ކަރަންޓީނާ ނުލާ މެލޭޝިއާގެ ބޯޑަރުތައް، މާޗް 1، 2022 ވަމަ ދުވަހު ހުޅުވާލުމަށް އެ ކައުންސިލުން އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށެވެ.
ނަމަވެސް މެލޭޝިއާއަށް ފުރުމުގެ ކުރިންނާއި މެލޭޝިއާއަށް ދަތުރު ކުރުމަށް ފަހު، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ އިރުޝާދުތަކާ އެއްގޮތް ވާ ގޮތުގެ މަތީން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރާނެ ކަމަށް މުހްޔިއްދީން ވިދާޅުވިއެވެ.
އެންއާރްސީގެ ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން މުހްޔިއްދީން އިތުރަށް ވިދާޅުވީ ބޯޑަރު ހުޅުވާލުމުގެ ކަންކަމަކީ ވަރަށް ރޭވުންތެރިކަމާއެކު ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަންކަން ކުރަމުން ދާނީ މިހާރު ހުރި ނުރައްކާތައް ވަޒަން ކުރުމަށް ފަހުގައި ކަމަށްވެސް މުހްޔިއްދީން ވިދާޅުވިއެވެ.
މުހްޔިއްދީން އިތުރަށް ވިދާޅުވީ، މެލޭޝިއާގެ ބައިނަލްއަގުވާމީ ބޯޑަރު ހުޅުވާލުމާ ގުޅޭ އިޖުރާއަތުތަކުގެ އިތުރު ތަފްސީލްތައް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައި އޮތުމަށްފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވާލާއިރު، ހުރިހާ ގައުމަކަށްވެސް ބޯޑަރު ހުޅުވާލާނެ ކަމަށް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.
އޮމިކްރޯން ވޭރިއަންޓަކީ ހުރިހާ ގައުމަކުންވެސް ފެންނަ ވޭރިއަންޓަކަށް ވާއިރު، ވަކި ގައުމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ނެތް ކަމަށް މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަންގާފައި ވާ ކަމަށްވެސް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.
ލާޒިމު ކަރަންޓީނާ ނުލާ، މެލޭޝިއާގެ ބައިނަލްއަގުވާމީ ބޯޑަރު ހުޅުވާލުމާއެކު އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި އިންވެސްޓަރުންގެ އަދަދުތައް އިތުރުވެގެންދާނެ ކަމަށް އެންއާރްސީއިން އުއްމީދު ކުރެއެވެ. ވައިގެ އުދުހުންތަކުގެ ސިނާއަތް ހެޔޮ ފާލަކަށް އެޅުމުގެ އިތުރުން، ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ ވިޔަފާރިތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމާށް އެންއާރްސީއިން އުއްމީދު ކުރެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ކަމުން އޯގަސްޓް 2021 ގައި ފައިބައިވަޑައިގެންނެވި މުހްޔިއްދީން، އެންއާރްސީގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަން ކުރެއްވުނީ ސެޕްޓެމްބަރު 2021 ގައެވެ.