ޖަޕާން ސަރުކާރުން ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓްހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން ދެ މިލިއަން ރުފިޔާގެ އަގުހުރި، 8 އެމްބިއުލާންސް ހަދިޔާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހިސްޓްރީ އޮފް ހެލްތު އާއި ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާ ދެމެދު ގްރާންޓްގެ ސޮއިކުރެއްވީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތާ ޑރ ޝާހު އަބްދުﷲ މާހިރު އާއި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާގެ އެމަޖެންސީ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ލިބުމަށް ހަމަޖެހިފައިވާ ރީކޮންޑިޝަންޑް 8 އެމްބިއުލާންސްތަކަކީ 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވޭ އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް(އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދިސްޕައިނަލް ބޯޑު ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކަކީ ދިވެހިރާއްޖޭގެ 6 ރަށަކަށް އަދި މާލެސަރަހައްދުގެ އެމަޖެންސީ ހިދުމަތް ހަރުދަނާ ކުރުމަށް ހަދިޔާކުރެވޭ އެމްބިއުލާންސްތަކެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހު އަބްދުމާހިރު، ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.