ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން އެންގިއިރު، އެ ބޭހަކީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި އެތެރެކޮށް ވިއްކާފައިވާ ބޭހެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

"ޑާޒަލެކްސް" އަކީ ކަށީގެ މަދު (ބޯންމެރޯ) ގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ މުހިންމު އެންޓިބޮޑީއެކެވެ. އޭގެ ފޭކް އިންޖެކްޝަން ރާއްޖެ އާއި މެކްސިކޯ އިން ވެސް ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ބައިނަލްއަގުވާމީ ސިއްހީ އެލާޓުގައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި އެ ބޭސް ނެތް ކަމަށާއި އަދި ވިއްކާފައި ވެސް ނުވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އިތުރަށް މިނިސްޓްރީން ބުނީ އެ ފޭކް އިންޖެކްޝަނަކީ ރާއްޖެއިން ބޭރަށް ކެންސަރުގެ ފަރުވާއަށް ދިޔަ ދިވެހި ބަލިމީހެއްގެ ޕްރިސްކްރިޕްޝަނަށް އަމިއްލައަށް ރާއްޖެއަށް ގެނައި އެއްޗެއް ކަމަށެވެ. އަދި ނަސީބަކުން، ބަލިމީހާގެ ގަޔަށް އެ އިންޖެކްޝަން ޖެހުމުގެ ކުރިން، ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި ކުރި ޓެސްޓުތަކުން އެއީ ފޭކް އެއްޗެއްކަން ފާހަގަވެފައިވާތީ، އެއްވެސް ޕޭޝަންޓެއްގެ ގަޔަށް އެ އިންޖެކްޝަން ޖަހާފައެއް ނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކެންސަރުގެ ފޭކް އިންޖެކްޝަން ފެނިގެން ރާއްޖެއިން އެކަން ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރުމުން، ރާއްޖޭގެ މޮނިޓަރިން ވަރުގަދަކަން އަންގައިދޭ ކަމަށާއި، ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަމިއްލައަށް އެކަން ހޯދާ ރިޕޯޓުކުރުމަކީ ރާއްޖޭގައި ބޭސްތައް ޓެސްޓުކުރުމުގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ އުފެއްދުންތަކެއްގެ ނަމުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތައް ހާމަކޮށްފައެވެ.