ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާ ޑަބްލިއުޓީއޯގެ އެއްބަސްވުމެއްގައި ބައިވެރިވުމަށް ރުހުން ހޯދުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި، ޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހީމް ސޯލިހު ފޮނުއްވި ސިޓީ ވަނީ ތަޅުމަށް އިއްވާފައެވެ.

މަޖިލީހަށް ހުށަހަޅާފައި ވަނީ ޑަބްލިއުޓީއޯގެ ޓްރޭޑް ރިލޭޓަޑް އެސްޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްގެ އެއްބަސްވުމަށް ބަދަލު ގެނައުމަށް އެކުލަވާލާފައިވާ ޕްރޮޓޮކޯލް، އެމެންޑިން ދަ ޓްރިޕްސް އެގްރީމެންޓް ރާއްޖޭން ބަލައިގަނެ ތަސްދީގު ކުރުމަށެވެ.

އެ ސިޓީ ބަލައިގަނެ، އެ ޕްރޮޓޮކޯލާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ސަރުކާރުން ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އަމަލުކުރަން ވާނީ މަޖިލީހަށް ހުށަހަޅައި މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.