2021 ވަނަ އަހަރު ނިމެން ދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓް (ބީއޭ2)ގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.
މިހާތަނަށް 57 ގައުމަކުން އޮމިކްރޯން ބިއޭ2 ފެނިފައި ވާ ކަމަށާ، އޮމިކްރޯންގެ ސަބްވޭރިއަންޓަކީ، އެންމެ ފުރަތަމަ ފެނުނު އޮމިކްރޯން ވޭރިއަންޓަށްވުރެވެސް އިންތިހާ ހަލުވި މިނުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަވަމުން ދާ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ.
2019 ވަނަ އަހަރު ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވީ ނޮވެމްބަރު 2021 ގައެވެ. އެއާ ވިދިގެން ފާއިތުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް ކޮވިޑް-19ގެ އާ ރާޅުތައް ބިންދަން ފެށިއެވެ. ހުރިހާ ސަރަހައްދެއްގައި ހެން އެންމެ ވަރުގަދަ ވޭރިއަންޓެއްގެ ގޮތުގައި އޮތީ އޮމިކްރޯން ވޭރިއަންޓެވެ.
އިންތިހާ ހަލުވި މިނުގައި ފެތުރިގެން ދިޔަ ކަމުގައި ވީ ނަމަވެސް، އޮމިކްރޯންއަކީ މީގެ ކުރިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްހާ ފުރާނައަށް ގެއްލުންދެނިވި ވޭރިއަންޓެއް ނޫން ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.
ފާއިތުވީ މަހެއްހާ ދުވަހު ފެނުނު ކޮވިޑް ކޭސްތަކުގެ 93 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރި އޮމިކްރޯން ވޭރިއަންޓްގެ ގިނަ، ސަބްވޭރިއަންޓްތަކެއް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން ބީއޭ1، ބީއޭ1.1، ބީއޭ2 އަދި ބީއޭ3 ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ނަމަވެސް، ބީއޭ2 އާ ގުޅޭ ކޭސްތައް އިތުރު ވަމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.
އޮމިކްރޯންގެ އެކި ސަބްވޭރިއަންޓްތަކުގައި ހުރި މާ ބޮޑު ތަފާތުކަމެއް އަދި ކަށަވަރު ވެފައި ނުވާއިރު، އެކަން އިތުރަށް ދިރާސާ ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.
ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔެސޫސް ވިދާޅުވީ، ކޮވިޑް-19ގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ނުވަތަ އެ ބަލީގެ މައްޗަށް ނަސްރު ލިބިއްޖެ ކަމަށް ބުނަން އަދި އެއްވެސް ގައުމަކަށް މާ އަވަސް ކަމަށެވެ. މިއީ އިންތިހާ ނުރައްކާ ވައިރހެއް ކަމަށް، މި ވައިރަސް އެކި ގޮތް ގޮތަށް ބަދަލު ވަމުން ދަނީ ލޮލު ކުރިމަތީގައި ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.