ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅު ކޯލިޝަނުން ބޮއިކޮޓް ކޮށްފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށްދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށާއި ރައީސް ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައްމިވަނީ ވަރަށްބޮޑަށް އިތުރުވެފާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުންވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާ ކަމަށާއި ހަމައެއާއެކު އިންތިހާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުން ދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެެ.
އިދިކޮޅުން ބުނީ މި ހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށާއި ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާވަނީ ހައިޖެކް ކޮށްފާ ކަމަށެވެ.
އެ ކޯލިޝަނުން ބުނީ މި ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެކިއެކި ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެ ކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށް އެ ކޯލިޝަނުން ވަނީ ސިފަކޮށްފައެވެ.
މާދަމާ ހެނދުނު 9 ޖަހާއިރު ޖަލްސާ ފެށުމަށް ހަމަޖެހިފައިވާއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާނެވެ.