ކޮރަޕްޝަނެއްގެ ތުހުމަތު ކުރާ ނަމަ، އެ މައްސަލަ އޭސީސީއަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވަނީ، އޭނާގެ ދަރިކަލުން އިނގިރޭސިވިލާތުން ގެއެއް އަގުބޮޑުކޮށް ބައްލަވައިގަނެފައިވާ ކަމަށް ބުނެ، ނޫސްވެރިޔަކު އޭނާއާ ސުވާލު ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މާރިއާ ވިދާޅުވީ، އޭނާގެ ދަރިކަލުންނަކީ އެއްވެސް އިރެއްގައި ސަރުކާރުގެ މަގާމެއް އަދާކުރެއް ބޭފުޅެއް ނޫން ކަމަށާއި، އަމިއްލަ މަސައްކަތް ކުރައްވައިގެން އާމްދަނީ ހޯއްދަވާ ބޭފުޅެއް ކަމަށެވެ.

"އިނގިރޭސިވިލާތުގައި ގާނޫނީ ވަކީލެއް ކަމަށްވާ އަޅުގަނޑުގެ 40 އަހަރުވީ ދަރިއެއްގެ މަސައްކަތާ އޭނާގެ އާމްދަނީ، މި ސަރުކާރާ ގުޅުވާ، އިންތިހާބުތަކާ ދިމާކޮށް، ހަދާ ސުރުހީއަކަށް ވުމަކީ ދެރަކަމެއް." މާރިއާގެ ޓްވީޓުގައި ވެއެވެ.

އެއާއެކު، މާރިއާ ވަނީ އޭނާއަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވޭ ނަމަ، އޭސީސީއަށް އެ މައްސަލަ ހުށަހަޅައިގެން ތަހުގީގު ކުރުމަށް އެދިވަޑައިގެންފައެވެ.