ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށް މިދިޔަ ސަރުކާރުން ބޭއްވި ގުރުއަތު ލުމުގެ ތެރޭގައި 76 އިން މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަކާ ނުލައި 75 އިން މަތިން މާކްސް ލިބުނު މީހުންނަށް ގުރުއަތުލީ މައްސަލަ ހައުސިން މިނިސްޓްރީން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކަށް ފްލެޓް ދޫކުރުމަށް ފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ މި އުސޫލާ ހިލާފަށް 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާކަން ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފާހަގަވެފައިވާކަމަށެވެ.

އެއާއެކު ހައުސިން މިނިސްޓްރީން ބުނީ މިއީ ފްލެޓް ހޯދަން ހުށަހަޅާފައިވާ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 75 ޕޮއިންޓް ލިބުނު މީހުން ސޮއިކުރުން މިހާރު ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.