ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަދާ ޖެހުނުއިރުވެސް ލިބިފައިވާ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ވެކްސިންއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދާއިރު، ބަލިން ދިފާއުވުމަށް ވެކްސިން ޖެހުމުގެ ކެމްޕެއިންތައްވެސް ދަނީ ކުރިއަށެވެ. އެގޮތުން، ބައެއް ގައުމުތަކުން މިހާރު 2 ޑޯޒް ފުރިހަމަކޮށް، ބޫސްޓާ ޑޯޒްވެސް ޖަހަމުން ދާއިރު، ވެކްސިން ލިބިގަތުމަށްފަހު ފަރުދެއްގެ ހައިސިއްޔަތުން ސަމާލު ކަން ދޭންޖެހޭ ކަންތައްތަކެއް ހުރި ކަން ދަންނަން ޖެހެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ލެބެއްގައި މާސްކެއް ތުރުކުރައްވައިގެން / ފޮޓޯ: ޑެންވާ7

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ޖެހުމަށް ފަހު ކުރިއަށް އޮތް 2 ހަފުތާއަކީ، އާދަޔާ ހިލާފަށް ހެލިފެލިވެ، ހަރަކާތްތެރިވެ އުޅުމާ، ބަރު އުފުލުން ފަދަ ކަންކަމުން ނަފްސު އެއްކިބާ ކުރަން ޖެހޭ ދުވަސްތަކެއް ކަމަށް، ސެޕްޓެމްބަރު 16، 2021 ވަނަ ދުވަހު، ސިންގަޕޫރުގެ އެކްސްޕާޓް ކޮމިޓީ އޮން ކޮވިޑް ވެކްސިނޭޝަނުން ދިން އިރުޝާދުގައި ބަޔާން ކޮށްފައި ވެއެވެ. މިއީ އިންތިހާއަށް މުހިންމު އިރުޝާދަކަށް ވީ ނަމަވެސް، މިއީ ގިނަ ބައެއްގެ މެދުގައި އެކަމަށް މާ ބޮޑު ސަމާލު ކަމެއް ނުދެވި އޮތް އިރުޝާދަކަށްވެސް ވެދާނެއެވެ.

ސިންގަޕޫރުގެ އެކްސްޕާޓް ކޮމިޓީއިން މި އިރުޝާދު ދީފައި ވަނީ، ވެކްސިންގެ ރައްކާތެރި ކަމާ ގުޅޭ ގޮތުން ހުރި ތަފާސް ހިސާބުތައް އިތުރަށް މުރާޖާ ކުރުމަށް ފަހުގައެވެ. ސިންގަޕޫރުގެ އެކްސްޕާޓް ކޮމިޓީއިން ބުނެފައިވާ ގޮތުގައި، ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާ ހިސާބުން، މަޔޯކާޑައިޓިސް ނުވަތަ ޕެރިކާޑައިޓިސްއަށް ޒުވާނުން ހުށަހެޅުމުގެ ފުރުސަތު، ކޮންމެވެސް ވަރަކަށް ވަނީ ފާހަގަ ކުރެވިފައެވެ.

ފިލިޕީންސްގެ ނުފޫޒުގަދަ ރައީސް ރޮޑްރީގޯ ދުތާރުތޭ (މ) ވެކްސިން ޖައްސަވަނީ / ފޮޓޯ: ޖަޕާން ޓައިމްސް

މަޔޯޑައިޓިސްއަކީ ހިތުގެ މަސްތަކަށް ކުރިމަތިވާ އިންފްލަމޭޝަންއަކަށް ވާއިރު ޕެރިކާޑައިޓިސްއަކީ ހިތުގެ މެމްބްރޭންއަށް ކުރިމަތިވާ އިންފްލަމޭޝަންއެވެ.

މި 2 ހާލަތަކީވެސް އަންހެނުންނަށް ވުރެ ބޮޑަށް، ފިރިހެނުންނަށް ކުރިމަތިވާ ހާލަތެކެވެ.

ވެކްސިން ޖެހުމަށްފަހު، 2 ހަފުތާގެ މުއްދަތަށް ބަރު ހަރަކާތްތައް މަޑުޖައްސާލަން އިރުޝާދު ދީފައި ވަނީވެސް މި ސަބަބަށްޓަކައެވެ. މި މުއްދަތުގެ ތެރޭގައި ބައެއް ކަހަލަ އަލާމާތްތައް ފެނިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް، ސިއްހީ ތަޖުރިބާކާރެއް ނުވަތަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށްވެސް ސިންގަޕޫރުގެ ހެލްތު ސައެންސަސް އޮތޯރިޓީއިން ވަނީ އިރުޝާދު ދީފައެވެ. އެފަދަ އަލާމާތްތަކުގެ ތެރޭގައި، މޭގައި ރިއްސުން، ނޭވާ ކުރުވުން ނުވަތަ ހިތުގެ ވިންދު އަވަސް ވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ކޮވިޑް ވެކްސިން ޖެހުމަށްފަހު ސިއްހީ މައްސަލައެއް ކުރިމަތި ވޭ ތޯ ބެލުމަށް، ވެކްސިން ޖެހި މަރުކަޒުގައި މަޑު ކުރާ 15 ނުވަތަ 30 މިނެޓްގެ އިތުރުންވެސް، ކުރިއަށް 2 ހަފުތާގެ މުއްދަތަށް، ހާއްސަ ފަރުވާތެތިކަމާއެކު ހަށިގަނޑަށް ސަމާލުކަން ދޭން ޖެހެއެވެ. 2 ހަފުތާ ހަމަވުމަށް ފަހުގައިވެސް ކުރިން ނުވާ، އާދަޔާ ހިލާފު އުނދަގޫތަކެއް ވެ، ހަށިގަނޑަށް ތަފާތު ކަމެއް އިހުސާސް ވާ ނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.