ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓް، އޮމިކްރޯން އާއެކު ރެކޯޑް އަދަދުތަކުން ކޭސް އިތުރުވުން ކޮންޓްރޯލް ކުރުމަށް، ފިޔަވަޅުތައް ހަރުކަށި ކުރުމަށް އެ ގައުމުން ނިންމި ނިންމުމާއެކު، ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު، ޖެސީންޑާ އެޑާންގެ ކައިވެނިފުޅު ފަސްކުރައްވައިފިއެވެ.

އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ނިއުޒީލަންޑްގައި އަމަލު ކުރަމުން ދަނީ "ރަތް ގިންތީގެ" މިންގަނޑުގައެވެ. ހޯމަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަ ކުރާއިރު، އޭގެ ތެރޭގައި، މާސްކު އެޅުމާއި، ގިނަ މީހުން އެއްވާ އެއްވުންތަކަށް ހައްދު ކަނޑައެޅުން ފަދަ ކަންކަން ހިމެނެއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހުނީތީ އެކަމަށް މައާފަށް އެދިވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެޑާން ވަނީ، އެކަމަނާގެ ކައިވެނިފުޅުވެސް ފަސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެތެރޭގެ އިވެންޓްތަކުގައި އެންމެ ގިނަވަގެން 100 މީހުންނަށް ބައިވެރިވޭއިރު، ވެކްސިން ފާސް ނުގެންގުޅޭ ކަމުގައި ވަނީ ނަމަ، އެންމެ ގިނަ ވެގެން އެ އިވެންޓެއްގައި ބައިވެރިވޭނީ 25 މީހުން ކަމަށްވެސް ނިއުޒީލަންޑުން ވަނީ ހަމަޖައްސާފައެވެ.

އެޑާން ވިދާޅުވީ ނިއުޒީލަންޑް ސަރުކާރުގެ އަމާޒަކީ ރާޅުގެ ކުރީކޮޅު ކަންކަން މެނޭޖު ކުރުން ކަމަށެވެ. އަދި ރަތް ގިންތިއަކީ ލޮކްޑައުން ނޫން ކަމަށާ، ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ކަމަށާ، އާއިލާއާއި ރަހުމަތްތެރިންގެ ގާތަށްވެސް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

ބަލި ފެތުރުން މަޑުޖައްސާލުމަށްޓަކާ ވީ އެންމެ އަވަހަކަށް ބައްޔަށް ޓެސްޓު ކޮށް، ކޮންޓެކްޓް ޓްރޭސްކޮށް، އައިސޮލޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޑާން ވަނީ ވިދާޅުވެފައެވެ.

ނިއުޒީލަންޑަކީ މިއަދު މުޅި ދުނިޔެއަށް ބިންދާލާފައި ވާ އޮމިކްރޯން ވޭރިއަންޓްގެ ބިޔަ ރާޅުން ސަލާމަތް ވެފައި ވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ނަމަވެސް އޮމިކްރޯން ވޭރިއަންޓަކީ އިންތިހާ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމުން، ނިއުޒީލަންޑަށްވެސް އެ ވޭރިއަންޓުން މުޅިން ސަލާމަތް ނުވެވިދާނެ ކަމުގެ އިންޒާރު، އެޑާން ވަނީ ހުސްވި ހަފުތާ ތެރޭގައި ދެއްވާފައެވެ.

ނިއުޒީލަންޑަކީ ކޮވިޑް ވެކްސިން ކެމްޕޭނުގައިވެސް ކާމިޔާބު ގައުމެކެވެ. އެގޮތުން، އުމުރުން 12 އަހަރުން މަތީގެ އާބާދީގެ 93 ޕަސެންޓް ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި 52 ޕަސެންޓް ވަނީ ބޫސްޓާ ޑޯޒްވެސް ޖަހާފައެވެ.