ދިގު މުއްދަތުގެ ރާސްތާއަކަށް ބަލާއިރު، އިންތިހާ ހަލުވި މިނުގައި ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓަކީ އެހެން ހުރިހާ ވޭރިއަންޓެއްގެ މައްޗަށް ގަދަވެ، އާންމު، ރޯގާއެއްގެ ގޮތުގައި ދެމި އޮވެދާނެ ވޭރިއަންޓަކަށް ވުން އެކަށީގެން ވާކަމަށް، ހާވަޑް މެޑިކަލް ސްކޫލްގެ ޕްރޮފެސަރެއް ކަމަށް ވާ ޑރ ޝިވް ޕިއްލޭ ލަފާ ކުރައްވައިފިއެވެ.
ހާވަޑްގެ އިމިއުނޮލޮޖިސްޓެއް ކަމަށް ވާ ޑރ ޕިއްލޭ، އޮމިކްރޯން ވޭރިއަންޓާ މެދު ދެކެވަޑައިގަންނަވަނީ އެދެވޭ ރޫހެއްގައެވެ. އެގޮތުން، ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނަވައިރަސް 2 (ސާސްކޮވް-2)ގެ އެހެން ހުރިހާ ވޭރިއަންޓެއްގެ ބަދަލުގައި އޮމިކްރޯން ގަދަވުން އެކަށީގެންވާ ކަމަށާ، އެއާ ދެކޮޅަށް ވެކްސިން ޖަހަން ޖެހޭނެ ހަމައެކަނި ބަޔަކީ ދޮށީ އުމުރުގެ މީހުންނަށް ވުން އެކަށީގެންވާ ކަމަށް ޑރ ޕިއްލޭ ވަނީ ލަފާ ކުރައްވާފައެވެ.
އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ޕއްލޭ ވިދާޅުވީ، އިމޮކްރޯން ވޭރިއަންޓަކީ، 5 ވަނަ، އެންމެ އާންމު އަރިދަފުސް ރޯގާ ނުވަތަ ކޮމަން ކޯލްޑް ކޮރޯނާވައިރަހުގެ ގޮތުގައި ދެމި އޮތުން އެކަށީގެންވާކަމަށެވެ. އަދި އޮމިކްރޯން ޖެހިގެން އިމިއުނިޓީ ނުވަތަ ވައިރަހުން ދިފާއެއް ނުލިބޭ ކަމަށާ، އެއް އަހަރު ތެރޭ، ތަކުރާރުކޮށްވެސް މި ވައިރަހަށް އިންފެކްޓް ވެދާނެ ކަމަށްވެސް ޑރ ޕިއްލޭ ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތް ނަމަވެސް، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓުގެ އިތުރު ރާޅެއް ބިންދާލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޑރ ޕިއްލޭ ވަނީ ފާހަގަ ކުރައްވާފައެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ޕިއްލޭ ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގައުމުތަކުގެ ސަރުކާރުތަކުން ކުރިމަތިލީ އެންމެ އެކަށީގެންވާ ގޮތުގައި ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ފްލޫއިން ދިފާއުވުމަށް ޖަހާ ވެކްސިނަކީ، ކޮވިޑުން ދިފާއު ކޮށްދޭނެ ވެކްސިނެއް ނޫން ކަމަށްވެސް ޑރ ޕިއްލޭ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގައި އުޅެބޮޑުވެވަޑައިގެންނެވި ޑރ ޕިއްލޭ، ބޭސްވެރިކަމުގެ ރޮނގުން ތައުލީމު ހާސިލު ކުރެއްވީ ވެއްލޫރުގައެވެ. އަދި ބައޮކެމިސްޓްރީގެ ރޮނގުން ޑޮކްޓަރޭޓް ހާސިލު ކުރެއްވީ ޔުނިވާސިޓީ އޮފް ކަލްކަޓާއިންނެވެ.