ކޮވިޑް ބަލިމަޑުކަން ހަލުވި ކަމާއެކު ފެތުރެމުންދާ މި ދުވަސްވަރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް އެ އުސޫލަތަކަށް އަމަލު ކުރާ މީހުން މަދުކަން ފާހަގަ ކުރެވި އެތައް ބަޔަކު އަންނަނީ ކަންބޮޑުވާ މިންވަރަށް ސުވާލުތައް އުފައްދަމުންނެވެ. ބަލީގެ ނުރައްކާ ބޮޑުވެއްޖެ ކަމަށް އެއްބަޔަކު ބުންޏަސް އަނެއް ބަޔަަކު އަމަލު ކުރަމުންދާ ގޮތްގޮތަށް ފާޑު ކިޔާ މީހުން ގިނަވަމުން ދިއުމުން ވަކި ބަޔަކަށް ހަރުކަށި ފިޔަވަޅުތަކެއް އޮތް ކަމަށް ގަބޫލު ކޮށް އާންމުންގެ ރުޅި މި ވަނީ އިންތިހާ ދަރަޖައަށް އައިސްފައެވެ. މި ކަމުގައި އެއްބަޔަކު ކުށްވެރި ކުރަނީ ބައެއް މުއައްސަސާތަކެވެ. އަނެއް ބަޔަކު އިނގިލި ދިއްކުރަނީ ސަރުކާރަށާއި ކޮވިޑް ހާލަތުގައި ފިޔަވަޅުތައް އަޅަމުންދާ އެޗްޕީއޭއަށެވެ.
މައްސަލަ ފެށިގެން އައީ ކޮން ހިސާބަކުން!
މި އަހަރު ފެށިގެން އައި އިރު ކޮވިޑް ކޭސްތައް އައީ ދުވަހުން ދުވަހުން ރިޕޯޓް ކުރާ މިންވަރު އިތުރުވަމުންވެ. މި މަހު ކުރީ ކޮޅު ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ކޭސްތަކުގެ ނަންބަރުތައް 300 ގައި އުޅުނު ކަމުގައި ވިޔަސް މިހާރު ކޭސްތައް މިވަނީ 2000 އިން މައްޗަށް އަރާފައެވެ. ކޭސްތައް އިތުރުވާން ފެށުމާ އެކު ކޮވިޑް ހާލަތު ގޯސްވެދާނެ ކަމުގެ ރަނގަބީލު އަޅައިފިކަން އެޗްޕީއޭއަށް ކަށަވަރު ވުމުން އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ނަމަވެސް މިފަހަރު ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭގެ ނިންމުންތައް ވަރަށް ވެސް ތަފާތެވެ. ވޭތުވެ ދިޔަ ދެ އަހަރު ތެރޭ ކޮވިޑް ހާލަތު ގޯސްވުމުން އެޗްޕީއޭ އިން އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި އާންމުން ނުކުމެ އުޅުމަށް ދިން ލުއިތައް ހަރުކަށި ކޮށްލައެވެ. ރެސްޓޯރަންޓްތަކާއި ސްކޫލަތަކާއި މިސްކިތްތައް ބަންދުކޮށް ފިނިމައިޒާން ފަދަ ތަންތަން ވެސް ބަންދު ކުރިއެވެ.
އެއްބަޔަަކު ގަބޫލު ކުރި ގޮތުގައި އެޗްޕީއޭގެ ނިންމުން ތަފާތުވެފައި މި ވަނީ ކުރިން އެޅި ފިޔަވަޅުތަކުން ރައްޔިތުން ރުޅިގަދަވެ، އެޗްޕީއޭއަށް އަމާޒުކޮށް ގޮވަމުން ދިޔަ އެއްޗެހީގެ ސަބަބުންނެވެ. މިފަހަރު އެޗްޕީއޭ އިން އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުން ކޮވިޑް ކޭސްތައް އިތުރުވާތީ، ވީ އެންމެ އަވަހަކަށް ސްކޫލް ހުޅުވެން ވާއިރަށް ރަށްރަށަށް ދާން ޖެހޭ މީހުން އެނބުރި ރަށަށް ދިއުމަށް އެންގިއެވެ. އެއަށް ފަހު ޕީސީއާރް ޓެސްޓު ހެދުން މަޖުބޫރު ކުރުވިއެވެ. މިހިސާބުން އެއްމެން އަވަސްވެގަތީ އަވަހަށް ރަށަށް ދިއުމަށް ޕީސީއާރް ޓެސްޓު ހެދުމަށެވެ.
ކޭސްތައް އިތުރުވަމުން ދިޔަ ދުވަސްވަރު ކަމުން މާލެ ސަރަހައްދުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި އެތައް ބަޔަކާއި ބަލީގެ އަލާމަތް ފެނިގެން ޓެސްޓު ހަދަން ދިޔަ މީހުންގެ އިތުރުން އަލާމާތެއް ނުފެނި އަދި ރަށްރަށަށް ފުރަން ނުވަތަ ދަތުރު ކުރުމަށް ޕީސީއާރް ޓެސްޓު ހަދަން ދިޔަ މީހުން އިތުރުވެ ކިއުލައިންތައް ދިގު ވެ ސޯޝަލް ސެންޓަރަށް ނުކަތާ ހިސާބަށް ދިޔަ މަންޒަރު ފެނުނެވެ. އޭރުވެސް ޕީސީއާރް ޓެސްޓު ހެދުމަށް އޮތް ޑިމާންޑް އިތުރުވާނެ ކަން އެނގޭ އިރު އެ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ ހުރިތޯ ނުވަތަ ކޮވިޑައިގެން އުޅޭތާ 2 އަހަރު ވީ އިރު އެޗްޕީއޭ އަށް ދަސްވި އެޗެއް ނެތް ކަމަށް ބައެއް މީހުން ބުންޏެވެ.
ޕީސީއާރް ޓެސްޓު ހަދާ މީހުން އިތުރުވެގެން ދިޔަ އިރު 72 ގަޑިއިރުވާ އިރުވެސް ބައެއް މީހުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބޭ މައްސަލަ ވެސް އިތުރުވިއެވެ. ރަށަށް ދާން ލޯންޗުންނާއި ފެރީން ބުކިން ހެދި މީހުންނާއި ވައިގެ މަގުން ދަތުރު ކުރުމަށް މޯލްޑިވިއަނުން ބުކިން ހެދި މީހުންނަށް މިކަމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ޓެސްޓުގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ހުރުމުން އެމީހުންނަށް ފަހު ވަގުތު ދަތުރު ކެންސަލް ކުރަން ޖެހުމުން ރީފަންޑު ނުލިބޭ މައްސަލަ ބޮޑުވިއެވެ. އެހެންކަމުން އެ މީހުން ދަތުރު ކެންސަލް ނުކޮށް "ވަރިހަމަ" ކޮށްލައިގެން އަލާމާތެއް ނެތުމުން ކޮވިޑް ނެތް ކަމަށް ނިންމާ އަވަހަށް ފޮށިތަންމަތި ބަނދެ ރަށަށް ފުރަން އަވަސްވެގަތެވެ.
ދެން ފެނުނީ ކުއްލިއަކަަށް ކޮވިޑް ކޭސްތައް ހާހުން ދެހާހަށް އަރަން ފެށި މަންޒަރެވެ. ރަށްރަށުގެ ކޭސްތައް ވެސް އިތުރުވާން ފަށާ މިއަދާ ހަމައަށް އައި އިރު 23 ރަށެއް މި ވަނީ މޮނިޓަރިން ހާލަތަށް ލާފައެވެ. މިގޮތަށް ކޭސްތައް އިތުރުވެފައި ވަނީ ނަތީޖާ ނުލިބެނީސް ފުރައިގެން ދިޔަ ބަޔަކާ އެކު އެ ރަށްރަށުގައި ކޮވިޑް ފެތުރިގެން ދިއުމުންނެވެ. ދެން ކުށްވެރިވީ ވެސް ފުރައިގެން ދިޔަ މިހާއެއް ނޫނެވެ. ގިނަ ބަޔަކު އިނގިލި ދިއްކުރީ މޯލްޑިވިއަން އާއި މައި އެއާޕޯޓްގެ ކައުންޓަރުތަކަށެވެ. ހަމައެއާއެކު ރަށްރަށުގެ ކައުންސިލްތަކާއި ފުރާ ދޯނި ފެރީ އަދި ލޯންޗް ފަހަރުތަކުގެ ކައްޕިއަށެވެ. "ނެގެޓިވް ޕީސީއާރެއް ފުރުމުގެ ކުރިން އޮތްތޯ އެއިން ތަނަކުން ނުބެލީ ކީއްވެތޯ" މިއީ އެތައް ބަޔަކު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅު ކުރި ކަންކަމެވެ. އެޗްޕީއޭ އިން ދޭ ކޮވިޑް ނަތީޖާގައި ލަސްތަކެއް އުޅޭ އިރު އެކަން އާންމުންނަށް ނާންގާ އޮތުމަކީ ވެސް ގިނަ ބަޔަކު އެޗްޕީއޭ ކުށްވެރި ކުރި ކަމެކެވެ. އެހެންކަމުން އެމީހަކާ އެމީހެކޭ ކިޔާ ނަތީޖާ ނުލާ ދަތުރު ކުރި އިރު އެކަން ހުއްޓުވާނެ އެއްވެސް ބަޔަކު ނެތެވެ.
ޕީސީއާރް ނަތީޖާ އެމްއޭސީއެލުން ބެލިޔަސް މޯލްޑިވިއަނުން ނުބަލާނެ!
މާލޭއިން ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދިޔަ ދަނޑިވަޅުގައި ރަށްރަށަށް މީހުން ފުރުމުގައި އަމަލުކުރަން ޖެހޭ އުސޫލެއް އެޗްޕީއޭ އިން ކަނޑައަޅާފައި އޮއްވާ ވެސް ބައެއް މީހުން ފުރި އިރު ކޮވިޑް ޓެސްޓު ނަތީޖާ ނުލިބި ރަށްރަށް ދިޔަ މައްސަލަ ހޫނު ވެފައި ވާ މި ދަނޑިވަޅުގައި ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ. މީގެ ކުރިންވެސް ކޮވިޑް ކޭސްތައް އިތުރުވި އިރު ރަށްރަށު ކައުންސިލްތަކުން މިކަންކަން ބަލައި ފިޔަވަޅު އަޅާފައި ވެއެވެ. ނަމަވެސް މިފަހަރު ކަންކަން ބޮއްސުން ލައިގެން ދިޔައީ ކީއްވެތޯ މިއީ އުފެދޭ ބޮޑު ސުވާލެއް ނޫން ހެއްޔެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ، އެ އެއާލައިނުން ފުރާ ފަސިންޖަރުންގެ ފީސީއާރް ޓެސްޓް ޗެކް ނުކުރާ ކަމަށާއި ޓިކެޓް ނަގާއިރު ވެސް ޕީސީޢާރްގެ ނަތީޖާ ހޯދަން އެދިފައި ނުވާނެ ކަމަށެވެ. ޕީސީއާރްގެ ނަތީޖާ ބަލަމުން އަންނަނީ އެމްއޭސީއެލްގެ ކައުންޓަރުތަކުން ކަމަށާއި އަދި އެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ދެން ބަލަންޖެހޭ ފަރާތަކީ ރަށްރަށުގެ ކައުންސިލްތައް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ކަމާ ގުޅިގެން އެމްއޭސީއެލުން ބުނީ، އެފަރާތުން އަމަލު ކުރަމުން ގެންދަނީ އެޗްޕީއޭ އާއި ސިވިލް އެވޭޝަން ރެގިއުލޭޝަނާ އެއްގޮތަށް ކަމަށެވެ. ފަސިންޖަރުންގެ އަތުން ޕީސީއާރު ޗެކް ކުރަން ޖެހިއްޖެ ނަމަ އެމްއޭސީއެލްގެ ސްޓާފުން އެކަން ވެސް ކުރާނެ ކަމަށާއި އެއަށް އަމަލު ނުކޮށްފި ނަމަ މައްސަލަ ތަހުގީގު ކުރާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މިދިޔަ 3، 4 ހަފްތާތެރޭ ރަށްރަށަށް ދިޔަ ގިނަ މީހުން ދިޔައީ ޕީސީއާރު ސާމްޕަލް ދީ، ނަތީޖާ ނުލިބެނީސްކަން "ދަ ޕްރެސް" އަށް ވަނީ ރަގީން ވެފައެވެ. އެ ގޮތުން ޕޮޒިޓިވް ވި ބައެއް ރަށްރަށުގެ މީހުންނާ ވާހަކަ ދައްކާލުމުން ބުނީ، ފުރި އިރު އެއާޕޯޓުން ނަތީޖާގެ ވާހަކަ ނާހާތީ އަޅާނުލީ ކަމަށެވެ. އަދި ޕީސީއާރު ނަތީޖާ ލިބުނީ ރަށުގައި އުޅެނިކޮށް ކަމަށާއި ޕޮޒިޓިވް ވި އިރު އެތަން މިތަނަށް ގޮސްފައިވެސް ވާ ކަމަށެވެ.
އެމްއޭސީއެލުން ކޮވިޑް ޓެސްޓުގެ ނަތީޖާ ނުބެލުމުގެ ނަތީޖާ ޕޮޒިޓިވް ވާ އަދަދުތަކުން ފެންނަން އޮތް އިރު، ދެން އެ ގޮތަށް ދިޔައީ ކަނޑު މަގުންނެވެ. ކޮވިޑްގެ ބިޔަ ރާޅެއް އަންނަން އުޅޭ ކަމަށް ބުނެ އެޗްޕީއޭއިން އިންޒާރުތަކެއް ދިން އިރު، ރަށްރަށަށް ދިޔަ ފަރާތްތަކަށް ޕީސީއާރް ޓެސްޓަކާ ނުލައި ދެވޭ ގޮތަށް ކައުންސިލްތަކުން ދޫ ދީފައި އޮތް އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަންކަމެވެ.
މިކަމާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެޗްޕީއޭއިން ބުނީ، ގައިޑްލައިނަކަށް ފަހު ގައިޑްލައިނެއް ނެރެމުން އަންނަނީ އާންމުންނަށް ދަތި ނުވާނެ ގޮތަކަށް ކަމަށެވެ. އަދި ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ވެސް އެ ގޮތުގެ މަތިން ކަންކަން އިންތިޒާމުކޮށް އެކަންކަން ތަންފީޒު ކުރޭތޯ ބަލަމުން ދިއުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ފަރުދީ ޒިންމާއަކީ ހަމައެކަނި މާސްކް އެޅުމާއި ގައިދުރުކަމާއި އަތް ދޮވުމެއް ނޫން!
ރަށްރަށަށް ކޮވިޑް ފެތުރެމުން ދިޔުމަކީ އެތައް ބަޔަކު ކަންބޮޑުވާނެ ކަމެކެވެ. މީގެ ކުރިން ވެސް ރަށްރަށް ބަންދުކޮށް ކޮވިޑް ކޭސް ފެތުރެމުންދާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް ހެދުމުން އާންމުންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ކޭސްތައް ފެތުރެން ފެށުމުން އާންމުންގެ ސިއްހަތު އިސްކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެއެވެ. އެފަދަ ފިޔަވަޅުތައް ނާޅާނެ ގޮތަކަށް ކަން ކުރެވެން އޮތީ އެކަމަށް އެއް ބަޔަކު އަމަލު ކޮށްގެން ނޫން ކަން ސާފެވެ.
މި ކަމުން އަރައިގަތުމަށް ބޭނުން ވަނީ މުއައްސަސާތަކުގެ އެއްބާރުލުން އެކަންޏެއް ނޫނެވެ. ފަރުދީ ޒިންމާ ވެސް މީގައި އެބަ އޮތެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފަރުދީ ޒިންމާ އަކީ ހަމައެކަނި ތިން ކަމަކަށް ސަމާލުކަން ދިނުން ކަމަށެވެ. މާސްކް އެޅުމާއި ގައިދުރުކަން ދެމެހެއްޓުމާއި އަތް ދޮވުން ކަމަށެވެ. ނަމަވެސް ހަމައެކަނި އޮތް ފަރުދީ ޒިންމާއަކީ އެއީއެއް ނޫނެވެ. ނުރައްކަލުން ސަލާމަތް ވުމަށް ތިމާއާއި ތިމާގެ އާއިލާގެ އިތުރުން ރަށެއްގެ ރައްޔިތުންވެސް ސަލާމަތް ކުރުމަށް ފަރުދީ ޒިންމާ އިސްކުރަން ޖެހެއެވެ. އޭގައި އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަކީ ވެސް ފަރުދީ ޒިންމާއެވެ.
އެހެންކަމުން ރަށްރަށަށް ދަތުރު ކުރާ އިރު ކަނޑުމަގުން ނުވަތަ ވައިގެ މަގުން ދަތުރު ކުރިޔަސް ތިމާ އަކީ ކޮވިޑް ވައިރަސް ހިފައިގެން ރަށަށް ދާނެ މީހެއްތޯ ބެލުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއަކަށް ހަދަން ޖެހެއެވެ. ހަމައެއާއެކު ރަށްރަށުގެ ކަންކަން ބަލަހައްޓަން ތިބޭ ކައުންސިލް ތަކުން ވެސް ރަށަށް ދާ މީހުންގެ ތަފްސީލް ބަލައި އެމީހުން މާލެއިން އަންނަ ނަމަ އެ އަންނަނީ ކޮވިޑް ނެގެޓިވް ނަތިޖާއަކާ އެކުގައި ތޯ ބަލައި ކަށަވަރު ކުރަން ޖެހެއެވެ. އެންމެ މީހަކު ފަރުވާ ކުޑަ ކުރިޔަސް ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްދާނެއެވެ. އެންމެންގެ ރައްކަލަކަށް ފަރުދީ ޒިންމާ އާއި އެޗްޕީއޭގެ އެންގުންތައް ތަންފީޒުކުރުން މުހިއްމެވެ.
ނެގެޓިވް ނަތީޖާ ހިފައިގެން މާލެއިން އައި މީހުންގެ ކިބައިން މިރަށުގަ ފެތުރެނީ
ރައްޔިތުންގެ ވިސްނުން މިބައްޔާއި މެދު ނެތީ މިކަމަކީ ސާފުކޮށް އެނގެން އޮތް ކަމެއް ދިވެހިން ގެ އުޅުންހުރިގޮތް ބައްލަވާލައްވާ
ލިޔުންތެރިޔާ ދެއްކީ ވަރަށް ރަނގަޅު ވާހަކަތަކެއް ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރަން ވީ