ރާއްޖޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށި ފަހުން ކޭސްތައް އިތުރުވެ އަނެއްކާވެސް ކޮވިޑް ބަލި ކޮންޓްރޯލެއް ނެތި ފެތުރުން އިތުރުވެ، ރަށަކަށް ފަހު ރަށެއް މޮނިޓަރިންގެ ހާލަތަށް ލައި މިހާރު ޖުމްލަ 23 ރަށެއް މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު 7 ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ރަށްރަށުގެ ތެރޭގައި ހިމެނެނީ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށީ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫއެވެ.

މިއަދު 7 ރަށެއް މޮނިޓަރިން އަށް ލާފައިވާ އިރު އިއްޔެ މޮނިޓަރިން އަށް ލާފައި ވަނީ ތ. ގުރައިދޫއެވެ. މި މަހުގެ 20 ވަނަ ދުވަހު ހއ ދިއްދޫ އަދި މި މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫއާއި ބ. އޭދަފުށި ވަނީ މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފައެވެ. ހަމައެއާއެކު މި މަހުގެ 16 ވަނަ ދުވަހު ގދ. ގައްދޫ، ރ. އުނގޫފާރު، ހދ، ހަނިމާދޫ މޮނިޓަރިންއަށް ލާފައިވާ އިރު، މި މަހުގެ 14 ވަނަ ދުވަހު ލ. ގަން، ދ. ބަނޑިދޫ، ބ. ދަރަވަންދޫ އެ ލިސްޓުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މޮނިޓަރިންގެ ލިސްޓުގައި ހިމަނާފައިވާ ރަށްރަށަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހު ހދ. ނޮޅިވަރަމްފަރު، 8 ވަނަ ދުވަހު ލ. ފޮނަދޫ އާއި ހދ ނެއްލައިދޫ، މިދިޔަ މަހުގެ 31 ވަނަ ދުވަހު ހއ. އިހަވަންދޫ އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކ. މާފުށި ހިމެނެއެވެ.

23 ރަށެއް މޮނިތަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ އިރު، މޮނިޓަރިންގެ ހާލަތަށް ބަދަލު ނުކުރާ ގިނަ ރަށްތަކަކުން ވެސް އަންނަނީ ކޮވިޑް ކޭސްތައް ފެންނަމުން ކަން މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ޕޮޒިޓިވްވެފައި ވަނީ ސްކޫލް ހުޅުވެން ކުޑަތަން ވެފައި ވަނިކޮށް މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ޕީސީއާރް ޓޭސްޓު ހަދައި ނަތީޖާ ނުލިބެނީސް ރަށްރަށަށް ދުޔަ މީހުންނެވެ. މި މަސް ފެށިގެން އައިރު 300 އިން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި ނަމަވެސް މިހާރު ކޭސްތައް އަންނަނީ 2000 އިން ރިޕޯތް ކުރަމުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1000 އާ ގާތުން ކޭސްތައް ރިޕޯޓް ކުރާއިރު ރަށްރަށުން އަންނަނީ 500 އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުންނެވެ.