ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅޭ ޓީޗަރުންނާއި ދަރިވަރުން ވީ އެންމެ އަވަހަކަށް ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސުކޫލުތަކުގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދު ވެސް އެންމެ އިސްކަންދޭ ކަމެއް ކަމަށެވެ.

މިގޮތުން ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު، ޓެސްޓް ކުރެވޭ ސާމްޕަލުގެ އަދަދުގެ ނިސްބަތުން 5 ޕަސަންޓަށް ވުރެ މަތިވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން ކަމުން މާލޭން އެހެން ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް ހިފައިގެން ދަތުރުކުރުމަށް އެޗްޕީއޭއިން އަންގާފައިވާ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅޭ ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް، ވީ އެންމެ އަވަހަކަށް ރަށަށް އައުމަށް އެދޭ ކަމަށެވެ.

ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް އިހުތިޔާރު ކުރަން ދިން 2 ގޮތް:

  • މާލޭން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.
  • ރަށަށް ދަތުރުކޮށް ރަށުން ސާމްޕަލް ނަގާ ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށް ފަހު ސްކޫލު ބަންދުކޮށްފައި ވަނީ ޑިސެމްބަރު 23، 2021 ގައެވެ. އަދި ޗުއްޓީއަށް ފަހު ސްކޫލު ހުޅުވާނީ މިމަހު 16ގައެވެ.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ.