މާލެއިން ބޭރުވާން ޕީސީއާރު ހަދަން އެޗްޕީއޭއިން މަޖުބޫރު ކުރުމާއެކު ތުއްތުތުއްތު ކުދިން ގޮވައިގެން އާއިލާތަކުން ކިއު ހަދައިފިއެވެ.

މާލޭގައި ޕީސީއާރު ހެދުމުގެ ހިދުމަތް ދޭ މަރުކަޒުތައް ކައިރީގައި ގިނަ ބަޔަކު ކިޔު ހެދި އިރު، އެންމެ ގިނަ ބަޔަކު ތިބީ ސޯޝަލް ސެންޓަރު ކައިރީގައެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިން ގޮސް ބެލި އިރު، ބައެއް އާއިލާތަކުން ތުއްތުތުއްތު ކުދިން އުފައިގެން ގޮސް މި ދަންވަރުވެސް ތިބީ ކިއުގައެވެ. ބައެއް ކުދިން ރޯ އިރު އެކުދިން މައްސަލާ ކުރެވޭތޯ ބައެއް މައިންބަފައިން އުޅޭތަންވެސް ފެނެއެވެ. އަދި އުމުރުން 5-6 އަަހަރުގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންވެސް ކިއުގައި އެބަތިއްބެއެވެ.

"މިތާކު އެއްވެސް އިންތިޒާމެއް ނެތް، މިހާރު ބުނަނީ މިރޭ 2 ގޮތެއް އެޗްޕީއޭއިން އިއުލާން ކޮށްފައޯ އޮންނާނީ، މާލެއިން ޕީސީއާރު ނުހަދާ ރަށަށް ގޮސްވެސް ހެދޭނެޔޯ"
ސޯޝަލް ސެންޓަރު ކައިރީ ކިއުގައި ހުރި މީހެއް

މާލެއިން ފުރުމުގެ ކުރިން ޕީސީއާރު ހަދަން ކުއްލިއަކަށް މަޖުބޫރުކޮށް އިއުލާން ކުރީ މިއަދުއެވެ. އެއާއެކު އެތައް ބަޔަކު ސެންޓަރުތައް ކައިރީ ކިއު ހަދަން ފެށީމައި އެޗްޕީއޭއިން މިރޭ ވަނީ އާ އިއުލާނެއް ނެރެ 2 ގޮތެއް ހާމަ ކޮށްފައެވެ.

ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް އިހުތިޔާރު ކުރަން ދިން 2 ގޮތް؛

  • 1. މާލެއިން ސާމްޕަލްއެއް ނެގުމަށް ފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން.
  • 2. ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.
"ތި ދެގޮތަކީވެސް މުޅއިަކުން ހަމަޖެހޭ ދެ ގޮތެއް ނޫން، ސާމްޕަލް ނަގާފައި އޭގެ ނަތީޖާ ލިބެން އެބަނަގާ އެތައް ދުވަހެއް. 2 ދުވަހެއްވަރު. އެ އޮވެދާނެ ނުބައިކޮށްވެސް އައިސްފައި. އަލުން ހަދަން ޖެހޭ ގޮތަށް. ދެން ކިހިނެއް އެހާ ދުވަހު މަޑުކުރަނީ، މިހާރު ޓިކެޓް ނަގާ ދަތުރު އޮތީ ތައްޔާރު ކޮށްފައި"
ސޯޝަލް ސެންޓަރު ކައިރީ ކިއުގައި ހުރި މީހެއް

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، މާދަމާ އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެގައި ހަފްތާއަކު ޓެސްޓު ކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓް ވާ ނިސްބަތް 5 ޕަސެންޓް މަތިވަމުން އަންނަ ކަމަށާއި ޕީސީއަރު ހަދަން މަޖުބޫރު ކުރީ އެހެންވެގެން ކަމަށެވެ.

އެޗްޕީއޭއިން ކުރިން ބުނެފައި އޮތީ، މާދަމާއިން ފެށިގެން މާލެ ސަރަހައްދުން ދަތުރު ކުރާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ މީހެއް ނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރަން އަންގާ ކަމަށެވެ. ހަމައެއާއެކު ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ހުރި މީހެއް ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށާއި އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. މީގެތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރު ކުރަން ޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.