މިއަދު ރާއްޖެއިން ކޮވިޑް ބައްޔަށް 2134 މީހަކު ޕޮޒިޓިވެ މި ވަގުތު ކޮވިޑް ބަލި ޖެހިފައި ތިބި ޖުމްލަ މީހުންގެ އަދަދު 9500 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފށްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7171 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 2137 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 1219 މީހަކާއި، އަތޮޅުތެރެއިން 547 މީހަކާއި ރިސޯޓްތަކުން 89 މީހަކާއި ލިވަބޯޑުން 4 މީހަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 9574 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 108732 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. އިއްޔެ 40 މީހަކު ކޮވިޑް ބަލީގައި ފަރުވާ ދިނުމަށް އެނދުމަތިކޮށްފައި ވާ އިރު މިއަދު ވަނީ 3 މީހަކު އިތުރުވެފައެވެ. އެހެންކަމުން މި ވަގުތު 43 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 683 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 265 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް 11 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ ދެ މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަދާ އެކު މި ވޭތުވެދިޔަ ތިން ދުވަހުއެވެ. އިއްޔެ 1594 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ކުރީ ދެ ދުވަހު 1420، 1209 މީހަކު ޕޮޒިޓިވް ވެފައިވަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު މި މަހު ޖުމްލަ ވަނީ 13032 އަށް އަރާފައެވެ.
ރާއްޖެއިން އޮމިކްރޯން ފެނިފައިވާ ކަމަށާއި މާލެ އާއެކު ދ. ކުޑަހުވަދޫ އާއި ކ. މާފުށިން އޮމިކްރޯން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. މިހާތަނަށް އޮމިކްރޯން ފެނުނު ސަރަހއްދުތައް އާންމު ކުރި ފަހުން ކޭސްތަކުގެ އަދަދުތައް ހަލުވި ސްޕީޑެއްގައި މައްޗަށް ދާތަން އަންނަނީ ފެންނަމުންނެވެ، ނަމަވެސް މިހާރު ފެނިފަިއވާ ކޮވިޑް ކޭސްތަކުގެ ތެރެއިން އޮމިކްރީން ޖެހުނީ ކިހާ އަދަދެއްގެ މީހުންނަށް ކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.