އައްޑޫ ސިޓީގައި ޕަވާ ޕާޗޭސް އެގްރީމަންޓްގެ ދަށުން ސޯލާ ޕީވީ ނިޒާމެއް ގާއިމް ކުރަން ފެނަކަ ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސޯލާ ޕީވީ ގާއިމް ކުރަން ހަމަޖެހިފައި ވަނީ ސ. ހުޅުމީދޫ އާއި ގަން އިންޓަނޭޝަލް އެއާޕޯޓް ގައެވެ.

ފެނަކައިން ބުނީ މި މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި 2 މެގަ ވޮޓް ޕީކްގެ ސޯލާ ޕީވީ، ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއެކު ހަރުކުރަން ނިންމާފައިވާ ކަމަށާއި ގަން އިންޓާނޭޝަނަލް އެއާޕޯޓްގައި 2.5 މެގަ ވޮޓް ޕީކްގެ، ސޯލާ ޕީވީ ހަރުކުރަން ނިންމާފައިވާ ކަމަށެވެ. އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލް ކުރާ ސޯލާއިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ކަމަށް ފެނަކައިން ބުނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ 100 ޕަސެންޓް އެ ތަނުގައި ގާއިމްކުރާ 2.5 މެގަ ވޮޓް ޕީކްގެ ސޯލާ ނިޒާމުން އުފައްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު ދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާ ޕަވާ އެއާޕޯޓަށް ވާނެ ކަމަށް ފެނަކައިން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓާ ޑީސަލް އެންދުން މަދު ކުރެވޭނެ ކަމަށާއި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.