އާންމުންނަށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހަން ފެށުމާއެކު، ބޫސްޓާ ޑޯޒް ޖަހާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހާ ވެކްސިންގެ ދެ ޑޯޒްގެ އިތުރުން، ތިންވަނަ ޑޯޒް ކަމަށްވާ ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށާއި، 60 އަހަރުންމަތީގެ މީހުންނަށާއި، ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.
އޭގެ ފަހުން އާންމުންނަށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
އާންމު ގޮތެއްގައި ބޫސްޓާ ޑޯޒް ޖަހާ މީހުންގެ އަދަދު އުޅެނީ ދުވާލަކު 150 އާއި 500 އާ ދެމެދުގައެވެ. ނަމަވެސް އެޗްޕީއޭގެ މިދިޔަ ތިން ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލަކު އެވަރެޖްކޮށް 2،500 އަށް ވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހާފައި ވެއެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު 2،712 މީހުން ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު، ހޯމަ ދުވަހު ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 2،559 މީހުންނެވެ. އަދި އިއްޔެ 2،639 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވެއެވެ.
އެހެންކަމުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ތެރެއިން މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 37،725 މީހުންނެވެ.
ބޫސްޓާ ޑޯޒް ޖަހާ މީހުން އިތުރުވެފައި ވީ ނަމަވެސް، ރާއްޖޭގައި ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭން 1،200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައި ވާއިރު، އިއްޔެވެސް 1،594 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓު ކޮށްފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި 1،594 މީހުންގެ ތެރެއިން މާލޭން 857 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ، އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހާލަތު ރެޑް އެލާޓަށް ބަދަލުކޮށްފައެވެ.