އަންނަ މަހުން ފެށިގެން ޅ. މަޑިވަރު އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ ކުރެއްދޫ ހޯލްޑިންސްގެ ފަރާތުން މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ ރަސްމީ މަސައްކަތްތައް މިއަދު ފަށާފައި ވާއިރު، މިދިޔަ މަހުގެ 25 ގައި އެ އެއާޕޯޓަށް ވަނީ ޓެސްޓު ފްލައިޓެއް ޖައްސާފައެވެ.

މަޑިވަރު އެއާޕޯޓު ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުމުގައި މިއަދު އައިލެންޑް އޭވިއޭޝަނާއި ކުރެއްދޫ ހޯލްޑިންސް އިން ވަނީ ސޮއިކޮށްފައެވެ. އެހެންކަމުން، މަޑިވަރު އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދުއާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިމުމުން، އަންނަ މަހުން ފެށިގެން އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

މިވަގުތު އައިލެންޑް އޭވިއޭޝަނުން ތިން ޑޮމެސްޓިކް އެއާޕޯޓަކާއި އިންޓަނޭޝަނަލް އެއާޕޯޓެއް ދަނީ ހިންގަމުންނެވެ. އެގޮތުން ބ. ދަރަވަންދުއާއި، ތ. ތިމަރަފުށްޓާއި، ރ. އިފުރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެ ކުންފުނިން ހިންގަމުން ދާއިރު، ނ. މާފަރުގައި ހިންގަމުންދަނީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ.