ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އަކުން ފެތުރެން ފެށި ކޮވިޑާއެކު މި ދިޔަ 2 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެއެވެ. މާޗް 7، 2020 ގައި ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނި އެ ބައްޔާ ދެކޮޅަށް ހަނގުރާމަ ފަށައި މިދިޔަ އަހަރު ކުރީ ކޮޅު ވެކްސިން ޖަހައި އެ ވައިރަސް އިން ސަލާމަތް ވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ކާމިޔާބީގެ ކުލަވަރު ފެނި އާންމު ދިރިއުޅުމަށް ބަދަލުވުމުގެ ދަތުރު ދިވެހިން ފެށީ ވެކްސިނާއެކު ކޮވިޑް ހުއްޓުމަަކަށް އަންނާނެ ކަމުގެ ފޮނި އުންމީދާ އެކުގައެވެ.

ނަމަވެސް މި އަހަރު ފެށުނު އިރު އަނެއްކާ ވެސް މި ވަނީ ކޮވިޑްގެ ބިޔަ ރާޅެއް އައިސް ނުރައްކަލުގެ ރަނގަބީލު ޖަހާފައެވެ. އަހަރު ފެށިގެން އައީ ކޮވިޑް ކޭސްތައް 200 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު މި ވަނީ 600 އާ ގާތަށް އަރާފައެވެ. 10 ވަރަކަށް ދުވަސްތެރޭ އަދަދުތައް ބޮޑުތަނުން މައްޗަށް ދިއުމަކީ އަނެއްކާ ވެސް ކޮވިޑްގެ ހާލަތު "ބޮޑުތަނުން ގޯސް ވެއްޖެ" ކަން ގަބޫލު ކުރަން ޖެހޭ ކަމެކެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު / ފޮޓޯ: ރައީސް އޮފީސް

މި މަސް ފެށިގެން އައި އިރު ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ތިން ހަފްތާއަކީ ކޮވިޑް ކޭސްތައް މަތިވަމުން އަންނާނެ 3 ހަފްތާއެއްކަން ފާހަގަ ކޮށްފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސިއްހީ މާހިރުން އެފަދައިން ލަފާ ކުރަން ޖެހޭ ބައިވަރު ސަބަބުތައް ހުއްޓެވެ. ފުރަތަމަ ޓާމް ނިމި ސްކޫލްތައް ޗުއްްޓީއަށް ދިޔަ ދުވަސްވަރު ކަމުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ މީހުން އިތުރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަން ފެށި މީހުން އިތުރު ވިއެވެ. ހަމައެއާއެކު އާންމުކޮށް އަހަރު ފަހުކޮޅު ލިބޭ ސްކޫލް ބަންދުވާ ޗުއްޓީ ތެރޭގައި ވެސް ހިތާނީ ޕާޓީތަކާއި ކައިވެނި ހަފްލާތައް އިތުރުވެގެން ދިޔައެވެ. ކޮވިޑް ކޭސް މަދުވެގެން ލިބުނު ލުއިތަކާއެކު އާންމުން ބޭރަށް ނުކުމެ މަސްހުނި ވަމުން ދިޔަ މިންވަރު އިތުރުވެ ފަރުދީ ޒިންމާގެ ގޮތުގައި ދެކި އަމަލު ކުރަން އެންގި "ބޭސިކް" ކަންކަމުން ދުރަށް ޖެހެމުން ދިޔަ މީހުން އިތުރު ވިއެވެ.

ސްކޫލަށް ދާން ޖެހޭ އިރު ސަމާލްވާން ޖެހޭ އުސޫލުތަކެއް ކަނޑައެޅި!

ސްކޫލް ހުޅުވުމާ ގާތްވެފައި އޮތް މި ދުވަސްވަރު ކޭސްތައް މިހާ މަތިން ރިޕޯޓް ކުރަމުން އައި ނަމަވެސް ސަރުކާރުން ސްކޫލްތައް ބަންދު ކުރަން ވިސްނާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. ހާއްސަކޮށް ބައިބޯވެފައިވާ މާލެ ސަރަހައްދުގައި ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ މި ވަގުތު ބެލެނިވެރިން ކަންބޮޑުވާ މައްސަލައެއް ކަމުގައި ވިޔަސް އަދި އެފަދަ ފިޔަވަޅެއް އަޅާނެ ކަމުގެ އިޝާރާތެއް ވެސް ސަރުކާރުން ދީފައެއް ނުވެއެވެ.

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންތަކެއް / ފޮޓޯ: ދަރުމަވަންތަ ސްކޫލް

އަންނަ އާދިއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ސްކޫލްތަކުން ވަނީ، މި ވަގުތު އަމަލު ކުރާނެ ހާއްސަ އުސޫލުތަކެއް ބެލެނިވެރިންނާ ހިއްސާ ކޮށްފައެވެ. ސްކޫލަށް ކުދިން ގެންދާ އިރު ޗުއްޓީ ތެރޭގައި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކުން މާލެއަށް އައި ކުދިން ދަތުރު ކުރި ތަންތަނާ ބެހޭ ތަފްސީލް ހިއްސާ ކުރުމަށާއި، އެ ރަށަކުން މާލެ އަންނަތާ 3 ނުވަތަ 4 ދުވަސްތެރޭ ކޮވިޑް ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

ހަމައެއާއެކު ދަރިވަރަކު އުޅޭ ގެއެއް ކަރަންޓީނަށް ލާފައިވާ ނަމަ ކަރަންޓީން މުއްދަތު ހަމަވުމުން ނެގެޓިވް ޕީސީއާރް ޓެސްޓްގެ ނަތީޖާ ސްކޫލަށް ހުށަހެޅުމަށާއި ޕޮޒިޓިވް ވެފައިވާ ދަރިވަރެއް ނަމަ 14 ދުވަސް ހަމަކޮށްފައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނޫނީ ސްކޫލަށް ހާޒިރު ނުވުމަށް ވެސް ވަނީ ބެލެނިވެރިންނަށް އަންގާފައެވެ. އަދި ދަރިވަރެއް އުޅޭ ގެއަކުން މީހަކު ކޮވިޑް ޓެސްޓު ހަދާފައިވާ ނަމަ އެ މީހެއްގެ ނަތީޖާ ނުލިބެނީސް ކުއްޖާ ސްކޫލަށް ނުފޮނުވުމަށް ވެސް ވަނީ އަންގާފައެވެ.

މީހާލަތުގައި ކުދިން ސްކޫލަށް ހާޒިރުވާ އިރު ސްކޫލަށް ވެއްދުމަށް ހަމަޖެހިފައި ވަނީ ގައިދުރު ކަމާއެކު ކިއު ހަދައިގެން ކަމަށް ސްކޫލްތަކުން ބުނެއެވެ. އަދި ސްކޫލް ދަރިވަރުންނާއި މުވައްޒަފުން ވެސް ކައިބޮއި ހަދާ އިރު ވެސް ގްރޫޕް ގްރޫޕް ހަދައިގެން ނޫޅުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

ސްކޫލެއްގެ ދަރިވަރުން އެސެމްބްލީގަޑީގައި

މިހާރު ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ މިންވަރަށް ބަލާއިރު، މި މުޅި ޖެނުއަރީ މަސް ތެރޭ އެކަނިވެސް ވަނީ 5000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައެވެ. އެ ގޮތުން މި އަހަރުތެރޭ އެންމެ ގިނަ ކޭސް ރިޕޯޓް ކުރި ދުވަހަކީ 816 ކޭސްއާ އެކު އިއްޔެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އިއްޔެ ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން ވެސް އެންމެ ގިނަ ކޭސްތައް ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

އެޅި ފިޔަވަޅަކީ 50 މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކުރުން!

މި ވަގުތު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ވެސް ކޮވިޑް ހާލަތުގެ ސަަބަބުން ސްކޫލަތްތަކަށް ކުދިންނަށް ހާޒިރުވާން ނުޖެހޭނެ ސަބަބެއް ފެންނާކަށް ނެތެވެ. ކޭސްތައް އިތުރުވާން ފެށި މި ދުވަސްވަރު، ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސަސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައި ވާތީ، މި މަހުގެ 9 ވަނަ ދުވަހު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށް އަންގާފައި ވެއެވެ. އަދި 50 މީހުންނަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވޭނީ ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަކަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އިޖުތިމާއީ ގައިދުރުކަން މަތީ ދަރިވަރުންތަކެއް ކްލާސް ރޫމެއްގައި / ފޮޓޯ: އެޑިއުކޭޝަން

އާންމުކޮށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ކްލާސް ރޫމެއްގައި 30 ކުދިން ތިބޭ އިރު ޓީޗަރުން ހިމެނި ކަމުގައި ވިޔަސް 50 މީހުންނަށް ވުރެ ބޯ ގިނައެއް ނުވާނެއެވެ. އެހެންކަމުން މި ވަގުތު އެޗްޕީއޭއިން އެޅި ފިޔަވަޅަށް ބެލިއަސް ސްކޫލްތަކަށް ކިޔަވަން ކުދިން ގެންދިއުމަކީ މައްސަލައެއް ކަމަކަށް ނުވެއެވެ.

މި ކަމުގައި ގިނަ ބެލެނިވެރިން ކަންބޮޑުވާ މައިގަނޑު ސަބަބަކީ ކުޑަކުދިންގެ ތެރެއިން އުމުރުން 12 އަހަރުން ދަށުގެ އުމުރު ފުރާގެ ކުދިންނަކީ މި ބަލިން ރައްކާތެރިވުމަށް ވެކްސިނެއް ވެސް ޖެހޭ އުމުރު ފުރާގެ ކުދިންނަށް ނުވުމެއެވެ. އަދި އޮމިކްރޯން ފަދަ ގިނަ މިއުޓޭޝަންތަކެއް ހުރި ވޭރިއަންޓެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ބަލި އަވަހަށް ފެތުރުމުގެ ބިރު އޮތް ކަމަށް ބައެއް ބެލެނިވެރިން ބުނެއެވެ.

ބަލި ކޮންޓްރޯލް ކޮށް އާންމު ހާލަތަށް ރުޖޫއަވުމަށް މި ވަގުތަކީ ފަރުދީ ޒިންމާ އަދާ ކުރުމަށް އަތުކުރި އޮޅާލަން ވީ ވަގުތެވެ. ބަލިމަޑުކަމުން ރައްކާތެރި ވުމަށް ފިޔަވަޅު އަޅަން މިހާރު ވެސް ލަސްވެއްޖެ ކަމަށް ބައެއް މީހުން ބުނެއެވެ. "ރައްކާވެ ތިބިއްޔާ ދަތުރޭ" ބުނާ ފަދައިން މިހާރު މިއޮތް ހާލަތަށް ވުރެ ގޯސްވިޔަ ނުދީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ބާރު މިވަގުތު ވަނީ އެންމެންގެ އަތް މަތީގައެވެ.

ބައްދަލުވާ މީހުން މަދުވުމަކީ މި ބަލި ފެތުރުން ކޮންޓްރޯކް ކުރެވެން އޮތް އެންމެ ފަސޭހަ ގޮތަށް ވީ ހިނދު ބޭރު ތެރޭގައި އުޅުން މަދުކޮށް ބައްދަލުވާ މީހުން މަދު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ހަމައެއާއެކު މާސްކް ރަނގަޅަށް އަޅަން އާދަ ކުރުމަށާއި އަދި ގިނަގިނައިން އަތް ދޮވުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމަތެއް ހުރެއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި ޓެސްޓު ކުރުމަކީ ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ.

ސްކޫލްތަކަށް ކުދިން ގެންދާ އިރުވެސް ކޮންމެ ބެލެނިވެރިއަކު ވެސް ސްކޫލްތަކުންނާއި އެޑިއުކޭޝަން މިނިސްޓްރީން އަންގާ އެންގުންތަކަށް ބޯލަނބައި، ސްކޫލު ދޮށަށް ކުދިން ގޮވައިގެން ދާއިރުއާއިި ގޮސް ތިބޭ އިރުވެސް ގައިދުރުކަން މަތީ ތިބެ، ފަރުދީ ޒިންމާ އަދާ ކުރެވިއްޖެ ނަމަ މި ވަގުތު ބެލެނިވެރިންގެ ހިތުގައި އުފެދެމުން އަންނަ ނުތަނަވަސްކަމުން އަރައިގަނެވިދާނެއެވެ. މި ކަން ކުރެވޭނީ އެންމެން އެކައްޗެއް ކިޔައި އެއްގޮތަަކަށް އަމަަލުތައް ބަހައްޓައިގެންނެވެ.